08 May 2012, 12:33
އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނާ މެދު އެ ކޮމިޝަންގެ މެންބަރުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަމުން ގެންދާ ކަމަށް ބުނެ އެ އަމަލުތައް ހުއްޓާލުމަށް ގޮވައިލައި އެ ކޮމިޝަންގެ މުވައްޒަފުންތަކެއް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ކޮޕީކޮށް ލިޔެފައިވާ އެ ސިޓީގައި ބުނެފައިވަނީ އެކޮމިޝަންގެ މުވައްޒަފުން ހައްގުތަކެއް ހޯދުމަށްޓަކައި މިދިޔަ މަހުގެ ކުރި ހިމޭން ހަޅުތާލާ ގުޅިގެން ކޮމިޝަންގެ މެންބަރުންނާއި އެކޮމިޝަންގެ މުވައްޒަފުންނާ ދެމެދު އުފެދިފައިވާ ދުރުކަން ނައްތާލުމަށް މުވައްޒަފުން ވަރަށް ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެކަމަށް އެކޮމިޝަންގެ ބައެއް މެންބަރުންގެ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.
އެ ކޮމިޝަންގެ އިސް މުވައްޒަފަކު ވިދާޅުވީ ޒާތީވުމުގެ ގޮތުން މަސައްކަތްތަކެއް ކުރާ ކަމަށް ބުނެފައިވަނީ ހިމޭން ހަޅުތާލާ ގުޅިގެން އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އަދި ބައެއް މުވައްޒަފުންގެ މަގާމު ދަށް ކުރުމަށް ކޮމިޝަންގެ ބައެއް މެންބަރުން ނިންމާފައިވާތީ އާއި ސަރުކާރުގެ ރަސްމީ ގަޑިއާ ހިލާފަށް އެކޮމިޝަނުން ހެނދުނު 8:00 އިން ހަވީރު ހަތަރަކަށް މަސައްކަތް ކުރާ ގޮތަށް ގަވާއިދު ހަމަޖައްސައިފައިވާތީ ކަމަށެވެ.
ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު މިއަދު ވިދާޅުވީ މިދިޔަ މަހުގެ އެކޮމިޝަންގެ މުވައްޒަފުން ކުރި ހަޅުތާލަށްފަހު އެކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ހަޅުތާލުކުރީ މުވައްޒަފުންނަށް ލިބެންޖެހޭ ބައެއް އިނާޔަތްތަކެއް ނުލިބިގެން ކަމަށް ބުނެފައިވާއިރު ބައެއް މީޑިއާތަކުގައި ހަޅުތާލުކުރީ ކޮމިޝަންގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެފައިވާތީ އެކޮމިޝަނުން އެއީ ކޮން ކަމެއްތޯ ބެލުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމުގައި މުވައްޒަފުންގެ އެއްބާރުލުން ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަޔާޒް ވިދާޅުވީ މުވައްޒަފުންނާ ޒާތީވުމަށް ކޮމިޝަންގެ މެންބަރުން ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެތަނުގެ ރަސްމީ ގަޑި އަށްގަޑި އިރަށް ހަމަޖެއްސުމަކީ ދަތިކުރުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"ހަޅުތާލު ކުރި ސަބަބުތަކުގެ ތެރޭގައި ބުނެފައިވަނީ ކޮމިޝަންގެ ބައެއް މެންބަރުންގެ މުސްތަގިއްލުކަން ނެތް ވާހަކަ އާއި ގާނޫނާއި ގަވައިދާ ހިލާފަށް އެމެންބަރުން އަމަލްކުރާ ވާހަކަ އާއި އެމެންބަރުންގެ އަމިއްލަ އެދުން ބޮޑު ވާހަކަ އާއި ވަކި ފަރާތަކަށް އެމެންބަރުން ޖެހިފައިވާ ވާހަކަ، އެހެންމެ ކޮމިޝަނުން ބެލި މުވައްޒަފުންނާ މަޝްވަރާކޮށްގެން ވެސް އެކަންތައް ބެލުމަށް، ނަމަވެސް އެމުވައްޒަފުން ވަނީ ހަނުހުރެފައި، އެހެންވެ އެކަންތައްތައް ވަނީ ހުއްޓިފައި، ދެން ޒާތީ ވުމަށް ނުވަތަ ދަތިކުރުމަށް ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަންގެ މެންބަރުންތަކެއްގެ މައްސަލަތަކެއް ފާހަގަކޮށް އެތަނުގެ މުވައްޒަފުންތަކެއްގެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެކަންތައްތައް އެކޮމިޝަނުން ކުރިން ވެސް ބެލުމަށް މަސައްކަތްކޮށްފައިވާއިރު ސިޓީއާ ގުޅިގެން އިތުރަށް ބަލާނެ ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތައް ކޮމިޝަނުން ބަލަނީ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުން ފޮނުވާފައިވާ އެސިޓީގައި ކޮމިޝަންގެ މުވައްޒަފުންނާއި އެކޮމިޝަންގެ މެންބަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ހައްލުކޮށް، ސުލްހަވެރިވުމަށް ވެސް އެދިފައިވެ އެވެ.