ދުނިޔޭގެ ޓްރޮޕިކް ސަރަޙައްދަށް އަންނަ "ޒީރޯ ޝެޑޯ ޑޭ" މިއަދު މެންދުރު ރާއްޖެއާއި، ރާއްޖެ ކައިރި ސަރަޙައްދުގެ ގައުމުތަކާ ބައްދަލުކުރާނެއެވެ.

އެގޮތުން މިއަދު މެންދުރު އެއްކޮށް ހިޔަނި ގެއްލޭނެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަވައްޓެރި އިންޑިއާގެ ބައެއް ސިޓީތަކުގައި މިދުވަސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ވަނީ ޒީރޯ ޝެޑޯ ޑޭ ފާހަގަކޮށްފައެވެ.

އިންޑިއާގެ އިތުރުން ސްރީލަންކާގެ ބައެއް ސަރަޙައްދުތަކަށް ވެސް މިއަދު ހިޔަނި ގެއްލޭ ކަމަށް ބޭރުގެ ރިޕޯޓުތަކުގައި ބުނެއެވެ.

"ޒީރޯ ޝެޑޯ ޑޭ" އަކީ ކޮބާ؟

މި ދުވަހަކީ، ދުވާލުގެ ވަކި ވަގުތެއްގައި ވާޓިކަލް އޮބްޖެކްޓްތަކުން އެއްވެސް ހިޔަންޏެއް ނުފެންނަ ވަގުތެކެވެ. އެއީ މެންދުރުގެ އިރު ބޯމަތިވާ އެންމެ ހޫނުގަދަ ވަގުތެވެ.

ފަލަކީ އިލްމު ދިރާސާ ކުރާ މީހުން ސިފަކުރާ ގޮތުގައި މިއީ ސެލެސްޓިއަލް ހާދިސާއެކެވެ.

އާންމުގޮތެއްގައި މިކަން ދިމާވަނީ ދުނިޔޭގެ ޓްރޮޕިކަލް ސަރަޙައްދުގައެވެ.

ޒީރޯ ޝެޑޯ ޑޭ އަކީ ވަރަށް މަދުން ނޫނީ ބައްދަލު ނުވާ ދުވަހެކެވެ. މިއީ އަހަރަކު ދެ ފަހަރު ދިމާވާ ދުވަހެއް ނަމަވެސް މި ތާރީޚުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތުވާނެއެވެ.