މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ލައިވް ޝޯއެއްގެ ތެރޭގައި ޕަފޯމް ކުރަމުން ދަނިކޮށް ސްޓޭޖުން ވެއްޓުނު މަންޒަރެއް ވައިރަލް ވެއްޖެއެވެ.

ނިކް ޖޮނަސް އާއި އޭނާގެ ތިން ބެއިން ޖޯ ޖޯނަސް އަދި ކެވިން ޖޯނަސް އެކުގައި މިހާރު ދެމުންދާ ޓުއާގައި ލަވަ ކިޔަމުން ދަނިކޮށް ވެއްޓިފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ތިން ބެއިންގެ ކުރީގެ ބޭންޑް "ޖޯނަސް ބްރަދާސް" އަލުން ފަށައި ބޭންޑް އަންނަނީ އެމެރިކާގެ އެކި ސަރަހައްދުގައި ޕަފޯމް ކުރަމުން ބޮޑު ޓުއާއެއް ދެމުންނެވެ. މި ޓުއާގެ ތެރެއިން އެންމެ ފަހުން މަޑުކޮށްފައިވަނީ ބޯސްޓަން އަށެވެ.

ބޯސްޓަންގެ ސްޓޭޖުގައި ޕަފޯމް ކުރަނިކޮށް ނިކް ޖޯނަސް ވެއްޓެނީ ސްޓޭޖު އަރިމަތީގައި އިން ވަޅުގަނޑަކަށެވެ. މި މަންޒަރު ވަނީ އެތައް ބަޔަކު ރެކޯޑު ކޮށްފައެވެ. ފެންނަ ފެނުމުގައި އޭނާއަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އޭނާއަށް އެއްވެސް ގެއްލުމެއް ވެފައި ވާ ކަމެއް ނޭނގެއެވެ. އަދި މިކަމާ ގުޅިގެން ނިކް އެއްވެސް ކޮމެންޓެއް މީޑިއާ އާ ހިއްސާކޮށްފައެއް ވެސް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އަންނަނީ އޭނާގެ ހާލުގެ ވާހަކަ އަހަމުންނެވެ.

ބައެއް މަޝްހޫރު ތަރިން ވެސް ވަނީ އެ ޝޯއަށް ގޮސްފައެވެ. މަންޒަރު ފެނުނު ތަރިން ވެސް ވަނީ ނިކްގެ ހާލު ރަނގަޅުތޯ ސުވާލު ކޮށްފައެވެ.

އެމެރިކާގެ އެކި ސަރަހައްދުގައި މި ދޭ ޓުއާ ނިންމާލާނީ މި އަހަރުގެ ފަހުކޮޅުގައެވެ. މިހާރުވެސް ދެމުން ދާ ޓުއާއަށް އެތައް ބައެއްގެ މަގުބޫލުކަން އަންނަނީ ލިބެމުންނެވެ. ބޮޑެތި ސްޓޭޑިއަމްތައް ފުރާލައި ފޭނުންގެ ސަޕޯޓު ލިބެމުން އަންނަ ކަމަށް ބޭންޑު މެމްބަރުން ވަނީ ވީޑިއޯތަކާއެކު ހާމަކޮށްފައެވެ.