ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް" ނިމުމަށް އިންތިޒާރު ކުރަމުންދާ ކަމަށް ޝޯގެ ބްރޭކްއައުޓް ތަރި މިލީ ބޮބީ ބްރައުން ބުނެފިއެވެ.

ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ ސްޓްރޭންޖާ ތިންގްސް މިހާރު އަންނަނީ ނިމުމަކާ ގާތް ވަމުންނެވެ. ޝޯގެ ފަހު ސީޒަން ސްކްރިޕްޓުގެ މަސައްކަތް ނިމި ޝޫޓިންތައް ވަނީ ފެށިފައެވެ. މިހާރު އެމެރިކާގައި ކުރިއަށްދާ ރައިޓާސް ސްޓްރައިކް ނުވަތަ ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ޝޯގެ ޕްރޮޑަކްޝަން ވަނީ މި ވަގުތަށް ހުއްޓާލާފައެވެ.

ޕްރޮޑަކްޝަންގެ މަސައްކަތް މެދުކަނޑާލާފައިވާ ނަމަވެސް ޝޯގެ ސްކްރިޕްޓުގެ ބޮޑު ބައެއް ވަނީ ކާސްޓަށް ދީފައެވެ.

ޝޯއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ތަރިއަކީ 19 އަހަރުގެ އެކްޓަރު މިލީ އެވެ. ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓްތަކުން މިލީ ފެންނައިރު އޭނާގެ މަގުބޫލުކަން އުފެދުނީ ސްޓްރޭންޖާ ތިންގްސް އިން ކަމަށް އޭނާ ގަބޫލުކުރެއެވެ.

ނަމަވެސް މިލީ މިހާރު ބޭނުންވަނީ ޝޯ ނިންމާލާށެވެ. ގާތްގަނޑަކަށް ހަތް އަހަރަށް ވުރެ ގިނަ ދުވަހު އެއް ޝޯއެއްގައި މަސައްކަތް ކޮށްފައިވާއިރު އެހެން ދާއިރާތަކަށް އިތުރަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް މިލީ ވަނީ ފާހަގަކޮށްފައެވެ.

ސްޓްރޭންޖާ ތިންގްސް އިން މިލީ އަށް ނުހަނު މުހިއްމު ފިލާވަޅުތައް ދަސްވި ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެ ފިލާވަޅުތަކުގެ އަލީގައި މުޅިން އާ ދަތުރުތަކެއް ކުރަން ބޭނުންވާ ކަމަށް މިލީ ބުންޏެވެ. އޭގެތެރޭގައި ހަމައެކަނި އެއް ކެޓަގަރީއެއްގެ ފިލްމުތަކެއް ކުޅުމުގެ ބަދަލުގައި ގިނަ ޖާންރާތަކެއްގައި މަސައްކަތްކޮށް ތަފާތު އެކްޓިން ރޭންޖް ދައްކާލެވޭ އެކްޓަރަކަށް ވާން ބޭނުންވާ ކަމަށް މިލީ ފާހަގަކުރިއެވެ.

ސްޓްރޭންޖާ ތިންގްސްގެ ދެން ފަހު ސީޒަން އޮތް އިރު މި ސީޒަން ދައްކަން ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ.