18 Aug 2023, 10:47
އައިކޮނިކް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އާއި އޭނާގެ ފިރިމީހާ ސޭމް އަސްގަރީ ވަރިވުމުގެ މަސައްކަތް ފަށައިފިއެވެ.
ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ބްރިޓްނީ އާއި މޮޑެލް ސޭމް އަސްގަރީ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ. ދެމީހުން ކައިވެނި ކޮށްފައި ވަނީ އޭގެ އަހަރެއް ކުރީން އެންގޭޖުވުމަށްފަހުގައެވެ.
ނަމަވެސް މިހާރު ވާހަކަ ދެކެވެނީ ދެމަފިރިން ވަރިވާން އުޅޭ ކަމަށެވެ. އަދި ވަރި ވުމަށް ކޯޓަށް ހުށަހަޅާފައިވަނީ ސޭމް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ދެމީހުން ވަރި ވުމަށް ފޯމު ހުށަހަޅާފައިވަނިކޮށް ސޭމް އާ ގުޅޭގޮތުން ބައެއް ބޮޑެތި މައްސަލަތައް ލީކުވާން ވަނީ ފަށާފައެވެ.
ދެމީހުން ވަރިވާން ހުށަހެޅިއިރު ކައިވެނި ކުރީ ވަރުގަދަ ޕްރީނަޕެއް ހަދާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕްރީނަޕްގައި ވާ ވާހަކަތަކަކީ ސޭމް އެންމެ ގަޔާވާ ވާހަކަތަކެއް ނޫނެވެ. އެއާއެކު އޭނާ ބޭނުންވާ ވަރަށް ފައިސާ ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ. މި ފައިސާ އަކީ ހުސް ބްރިޓްނީގެ ފައިސާއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕްރީނަޕްގައިވާ އެއްބަސްވުން ބަދަލު ކުރުމަށް ސޭމް އަންނަނީ ބްރިޓްނީއަށް އަމުރު ކުރަމުންނެވެ. އެއާއެކު އިތުރު ފައިސާތައް ލިބޭނެ ގޮތް ހެދުމަށް އޭނާ މަސައްކަތް ކުރަމުންދާއިރު މިކަންތައް ކުރުމަށް ބްރިޓްނީއަށް ބިރު ދައްކަމުން އަންނަ ކަމަށް ވެސް ވަނީ ހާމަވެފައެވެ.
ބްރިޓްނީގެ ބައެއް ޕްރައިވެޓް ވީޑިއޯތަކާއި ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ސޭމް ބިރު ދައްކަމުން އަންނަ ކަމަށް ބައެއް ނޫސްތަކުން އަންނަނީ ބުނަމުނެވެ. މި ހުރިހާ ކަމެއް ވެސް މި ކުރަނީ އިތުރު ފައިސާތައް ހޯދުމަށް ކަމަށް ނޫސްތަކުން ބުނެއެވެ.
ބްރިޓްނީ އާއި ސޭމް ދިމާވީ 2016 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ މީހުންގެ ގުޅުން 'އިންސްޓަގްރާމް އޮފިޝަލް' ކުރި އެވެ. އެމީހުން ދިމާވި އިރު ސޭމްގެ އުމުރަކީ 21 އަހަރެވެ. ދެމީހުންގެ އުމުރުގައި ފަރަގު ހުރުމުން އެތައް ބައެއްގެ ފާޑު ކިޔުން އޭރުވެސް ދެ މީހުންނަށް ރައްދުވިއެވެ.