18 Aug 2023, 10:41
ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހިއްސާ އޮންނަ ނިއުޔޯކްގެ ރެސްޓޯރެންޓް ސޯނާ ހިންގާ ކުންފުނިން ޕްރިޔަންކާ ވަކިވެއްޖެއެވެ.
ޕްރިޔަންކާއާއި މަނީޝް ކޭ ގޮޔަލް ނަމަކަށް ކިޔާ މީހަކާ ގުޅިގެން ސޯނާ ރެސްޓޯރެންޓު ވިޔަފާރި ތަޢާރަފްކޮށް ރެސްޓޯރެންޓު ހުޅުވީ 2021 ވަނަ އަހަރުއެވެ. އިންޑިއާގެ ސަގާފީ ކެއުންތަކާއެކު އިންޑިއާގެ ރަހަތައް ނިއުޔޯކަށް ތަޢާރަފްކުރިތާ ދެ އަހަރުފަހުން ބަތަލާ ވަނީ ސޯނާ ރެސްޓޯރެންޓްގެ އެއްވެސް ވިޔަފާރި މުޢާމަލާތެއްގައި ހިއްސާ ނުވާނެކަން އިއުލާނު ކޮށްފައެވެ.
ޕްރިޔަންކާގެ ހިއްސާ އޮތް ރެސްޓޯރެންޓު ވިޔަފާރިން އެކަހެރިވި ސަބަބެއް ސީދާ ހާމަކޮށްފައިނެތަސް އިންޑިއާގެ ސަގާފަތް ދިރުވާ އާލާކުރުމުގެ މަސައްކަތް އަބަދުވެސް ބަތަލާ ކުރިޔަށް ގެންދާނެ ކަމަށް ޕްރިޔަންކާގެ ގާތް ފަރާތަކުން ވަނީ މީޑީއާގައި ބުނެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޓީވީތަކުންނާއި ފިލްމީ ދާއިރާ މެދުވެރިކޮށް އިންޑިއާގެ ތަފާތު އެކި ކެއުންތަކާބެހޭ މަޢުލޫމާތާއެކު އިންޑިއާގެ ސަގާފަތާބެހޭ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށް ދޭނެކަމަށް ވެސް އެ ފަރާތުން ވަނީ މީޑިއާތަކަށް މަޢުލޫމާތު ދީފައެވެ.
އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއްވެސް ހިންގާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި "ސިޓަޑެލް"އިންނާއި ލޯބީގެ ކޮމެޑީ ފިލްމު "ލަވް އަގެއިން"އިންނެވެ. ބަތަލާ ވަނީ ދާދިފަހުން ހޮލީވުޑްގެ އެކްޓަރު ޖޯން ސެނާއާއެކު ކުޅޭ ފިލްމު "ހެޑް އޮފް ސްޓޭޓް"ގެ މަންޒަރުތަކެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ނަގާފައެވެ. މީގެއިތުރުން ޕްރިޔަންކާ ވަނީ އެންތޮނީ މެކީއާއެކު މަސައްކަތްކުރާ ފިލްމު "އެންޑިންގް ތިންގްސް"އަށްވެސް ސޮއިކޮށްފައެވެ.
ޕްރިޔަންކާ އެންމެފަހުން ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނާ ހިންދީ ފިލްމަކީ ޑައިރެކްޓަރު ފަރުޚާން އަޚުތަރުގެ ފިލްމު "ޖީ ލޭ ޒަރާ"އެވެ.