18 Aug 2023, 10:23
ޕާކިސްތާނު ޑްރާމާ ސީރީސް "ހަމް ސަފަރް"އިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ބަތަލާ މާހިރާ ޚާންއާއި ލޯބިވެރިޔާ ސާލިމް ކަރީމްގެ ކައިވެނި މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ދިގު މުއްދަތަކަށް މާހިރާ ލޯބީގެގޮތުން ގުޅިގެން އުޅޭ ސާލިމް ކަރީމްއަކީ ޕާކިސްތާނުގެ ކަރާޗީއަށް ނިސްބަތްވާ ކާމިޔާބު ވިޔަފާރިވެރިއެކެވެ.
މީގެ ހަ އަހަރު ކުރިން އެކްޓަރު ޝާހްރުކް ޚާންއާއެކު ބޮލީވުޑަށްވެސް ތަޢާރަފްވި މާހިރާ ވަނީ 2007ވަނަ އަހަރު އެކްޓަރ/ޕްރޮޑިއުސަރު ޢަލީ އަކްސަރީއާ ކައިވެނިކޮށްފައެވެ. މާހިރާގެ ޢާއިލާގެ ނުގަބޫލުގައި ކުރެވުނު މި ކައިވެނިވަނީ 2015ގައި ރޫޅިފައެވެ. އަލީ އަކްސަރީއާއި މާހިރާގެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފައެވެ.
މާހިރާއާއި ލޯބިވެރިޔާ ސާލިމް ކަރީމްގެ ލޯބީގެ ގުޅުން ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތް ނަމަވެސް މިހާތަނަށް މި ގުޅުން ވަނީ ވަންހަނާކޮށްފައެވެ. މީޑިއާގެ ތަފާތު ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މާހިރާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ޕަންޖާބުގެ ހިލް ސްޓޭޝަނެއްގައި ޢާއިލާއާއި ވަރަށް ގާތް ރަޙްމަތްތެރިންނަށް ދަޢުވަތު ދީގެންނެވެ.
ސާލިމްއާއި މާހިރާގެ ލޯބީގެ ގުޅުން ސިއްރުކޮށްފައި އޮތްނަމަވެސް ދެ މީހުން ވެސް ވަނީ ތަފާތު އެކި އިވެންޓުތަކުގައި އެކީގައި ބައިވެރިވެފައެވެ. މާހިރާގެ ކައިވެނީގެ ޚަބަރާއެކު ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
އެންމެ ފަހުން ޕާކިސްތާނު ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަތު"އިން ބެލުންތެރިންނަށް ފެނިފައިވާ ބަތަލާ ދެންވެސް ފެންނާނީ ޕާކިސްތާނު އެކްޓަރު ފަވާދު ޚާންއާއެކު ކުޅޭ ސީރީސް "ނީލޯފަރު"އިންނެވެ. ފަވާދު ޚާންއާއެކު މާހިރާގެ ވަރަށް ތަފާތު އެކްޓިންގް ފެނިގެންދިޔަ ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަތު"އަށް މިހާތަނަށް 13.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.