އިންޑިއާގެ ޕަޓްނާ، ބިހާރުގެ ސިނަމާ ހޯލްގައި ފިލްމު "ގަދަރު2" ދައްކަމުންދަނިކޮށް ބަޔަކު މީހުން ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ސިނަމާ ހޯލްގެ ވެރިޔާ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ ހަމަނުޖެހުން ހިންގަން މެދުވެރިވީ ކަޅު ބާޒާރުގައި ފިލްމުގެ ޓިކެޓް ވިއްކުމުގެ ފުރުސަތު ނުދިނުމުން ކަމަށެވެ. ޕަޓުނާގެ އާދައިގެ ސިނަމާ ހޯލްގެ އެތެރޭގައި ހިންގި ހަމަނުޖެހުންތަކާއެކު އެއްބަޔަކު ވަނީ ހޯލްގެ ބޭރަށް ގޮވާ ޒާތުގެ އެއްޗެތިތަކެއްވެސް އުކާފައެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު އުކާލެވުނު ގޮވާތަކެތީގެ ސަބަބުން އެއްވެސް ބަޔަކަށް އަނިޔާ ނުވާ ކަމަށް ސިނަމާ ހޯލްގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

ޕަޓްނާގެ މި ސިނަމާ ހޯލްގައި ދޭތެރެއަކުން މިފަދަ ހަމަނުޖެހުންތައް ހިނގާކަމަށާއި އެއްވެސް އިރެއްގައި އެއްވެސް ފިލްމެއް ޓިކެޓް ކަޅު ބާޒާރުގައި ވިއްކުމުގެ ވިޔަފާރިއަށް އެ މީހުން ފުރުސަތު ނުދޭކަމަށް ސިނަމާގެ ވެރިޔާ ވަނީ ބުނެފައެވެ. ސިނަމާ ހޯލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ހަމަނުޖެހުން ހިންގަން އުޅުނު މީހުންގެ ފަރާތުން ތަފާތު އެކި ގޯނާތައް ކުރިކަމަށާއި ނަމަވެސް އެ މުވައްޒަފުން ތިބާ ސާބިތުކަންމަތީގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިހާތަނަށް ޕަޓްނާގެ ސިނަމާއިން އަބަދުވެސް މަސައްކަތް ކުރަނީ އާއްމުންގެ ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނީ އެގޮތުގައި ތިބުމަށް ކަމަށް މި ހޯލްގެ ވެރިޔާ ސިންހާ ވަނީ ބުނެފައެވެ.

މި މަހުގެ 11ވަނަ ދުވަހު ރިލީޒް ކުރެވުނު ފިލްމު "ގަދަރު2"އަކަށް ވަނީ މިހާތަނަށް 336.85 ކްރޯޑް ރުޕީސް ބޮކްސް އޮފީހުގައި ލިބިފައެވެ. މި ފިލްމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު މި ފިލްމުގެ ފުރަތަމަ ބަޔަށްވެސް ބޮކްސް އޮފީހުގައި ރެކޯޑު މިންވަރަށް އާމްދަނީވަނީ ލިބިފައެވެ.

ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް ލީޑް ރޯލްއިން ފެންނަ ފިލްމު "ގަދަރު2" ސިނަމާތަކަށް އައިސްފައިވަނީ ފުރަތަމަ ފިލްމު ރިލީޒްކުރެވުނުތާ 22 އަހަރު ފަހުންނެވެ.