18 Aug 2023, 11:23
ސައްވީސް ރަށެއްގައި ސޯލާ ހަކަތަ ރައްކާކުރާ ބެޓެރި ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.
އެންވަޔަރެންމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ހަވާލުކުރީ ޗައިނާގެ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި ގުއަޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދިސީނޯ ސޯލާ ހައިބްރިޑް ޓެކްނޮލޮޖޯ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އަދި ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޕެއިޓާއޮއެވެ.
މިސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްރަށަކީ، އައްޑޫ ސިޓީ ހިތަދޫ،، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ، ލ. ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، މާވަށް، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު އަދި ނައިފަރުގެ އިތުރުން ގއ. ވިލިނގިއްޔެއެވެ.
އެންވަޔަރެންމެންޓް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ، އެކްސެލެރޭޓިން ރިނިއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ، އެރައިސް މަޝްރޫއުގެ ދަށުން 40 މެގަބޮޓް އަވާގެ ބެޓްރި އެނާޖީ ސްޓޯރޭޖް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގެންދަނީ ހަތް މެގަވޮޓް އަވާގެ ބެޓްރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކޮށް ބޭނުން ކުރަމުންނެވެ. އެއާއިއެކު ރާއްޖޭގައި މިހާރު ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 53 މެގަވޮޓަށް ވަނީ އަރައިފައެވެ.