ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއަށް ބަދަލުކުރި ތިން ފްލެޓް އިމާރާތްކުރުމަށް 40 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިޔާ ސަރުކާރުން ދޭން އެއްބަސްވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އަންނަ ހަފުތާގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ލޯނުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށާއި އިންޑިޔާ ސަރުކާރުން ދޭ ލޯނަކީ ދިގު މުއްދަތުން އަދާ ކުރާ ގޮތަށް ކުޑަ އިންޓްރެސްޓަކާއެކު ދޭ ލޯނެއް ކަމަށެވެ.

"ލޯނު ދެނީ ވަރަށް ކޮންޝެނަލް ޓާމްސްތައް ރަނގަޅު، ދިގު މުއްދަތުން ކުޑަ ރޭޓެއްގައި އަދާކުރާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން ދޭ ލޯނުގެ ފައިސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ސަރުކާރުން މާލޭގައި އިމާރަތްކުރަން ހަމަޖައްސާފައިވަނިކޮށް ސަރުކާރު ބަދަލު ވުމަށްފަހު ހުޅުމާލޭގައި އަޅަން ނިންމާފައިވާ ތިން ފްލެޓަށެވެ. އެފްލެޓް ތައް އިމާރަތްކުރާ ބިން އެޗްޑީސީން ހައުސިން މިނިސްޓްރީއާ ވަނީ މިހާރު ހަވާލްކޮށްފަ އެވެ.

ކުރީގެ ސަރުކާރުން ތިން ފްލެޓް އަޅަން ކަނޑައަޅާފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ ގްރީންގެ އާއި ބޮޑުގޭގެ އިތުރުން މާލޭ ކުނިކޮށި ހުރި ސަރަހައްދެވެ. މިނިސްޓްރީން ބުނީ މި ފްލެޓްތައް ބަދަލު ކުރީ މާލޭގައި ގިނަ ފްލެޓް ތަކެއް އަޅާނަމަ ވެރިރަށުގެ އާބާދީ އިތުރުވެ ތޮއްޖެހުން އިތުރުވެގެންދާނެތީ ކަމަށެވެ.

"ކުރީގެ ސަރުކާރުން މާލޭގައި އަޅަން ކަޑައަޅާފައިވާ ފްލެޓްތަކެއް ނަމަވެސް ފުލެޓްތައް އެޅުމަށް އަދި އެއްވެސް ކަމެއް އެ ބިންތަކުގައި ކޮށްފައެއް ނުވޭ. އެއްވެސް މަސައްކަތެއްނުކޮށް ހުރި ބިންބިން ވީމަ އަޅުގަނޑުމެން އެފްލެޓް ތައް ބަދަލު ކޮށްލީ ހުޅުމާލެއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިން ފްލެޓް ހުޅުމާލެއަށް ބަދަލުކުރި ނަމަވެސް އެ ފްލެޓްތައް އިމާރަތްކުރަން ހަމަޖައްސާފައިވާ ކޮންޓްރެކްޓަރުންނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެވޭ ހާ އަވަހަކަށް ފްލެޓް ތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.