ވޮޝިންޓަން (އޮގަސްޓް 17): އެމެރިކާގެ ނިއުޔޯކް ސިޓީގައި ސަރުކާރާ ގުޅުން ހުރި މަސައްކަތްތައް ކުރަން ބޭނުން ކުރާ ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފިއެވެ.

އެމެރިކާގެ 150 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ އަދި ޗައިނާގެ ޓެކް ކުންފުނި ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކްއަށް، ޗައިނާ ސަރުކާރުގެ ނުފޫޒު ފޯރާ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅުކުރެއެވެ. އެގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް އެކަން ފާހަގަކޮށް، ފާޑުކިޔާފައިވެއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކްގެ ސަބަބުން އެ ސިޓީގެ ޓެކްނިކަލް ނެޓްވޯކްތަކަށް ސަލާމަތީ ނުރައްކާ އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ނިއުޔޯކް ސިޓީގެ ސަރުކާރު އިދާރާތަކުގައި ބޭނުންކުރާ ޑިވައިސްތަކަށް މިހާރު ޓިކްޓޮކް އަޅާފައިވާ ނަމަ އެ އެޕް ނަގަން މިހާރު ވަނީ 30 ދުވަހުގެ މުހުލަތެއް ދީފައެވެ.

އެމެރިކާގެ މައި ސަރުކާރުން މީގެ ކުރިން ވަނީ ސަރުކާރުން ދޫކުރާ މޮބައިލް ޑިވައިސްތަކުގައި ޓިކްޓޮކް މަނާކޮށްފައެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކްއިން ދަނީ އެ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާ ސަރުކާރާ ހިއްސާކުރަމުންނެވެ. ނަމަވެސް ޓިކްޓޮކްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ސެކިއުރިޓީ ހިމާޔަތްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގެ އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޯފާ ރޭ އާއި ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ވަނީ ޓިކްޓޮކްއަކީ ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2020 ވަނަ އަހަރު ޓިކްޓޮކް ޑައުންލޯޑް ކުރުން މަނާކުރަން މަސައްކަތް ކުރެއްވި ނަމަވެސް ކޯޓުތަކުގެ ނިންމުންތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅިއެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކާއި ސިޓީތަކުން ވަނީ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް މަނާކޮށްފައެވެ. މޮންޓާނާއިން ދާދި ފަހުން ވަނީ އެ ސްޓޭޓްގެ އެކި ކަންކޮޅުތަކުގައި މި އެޕްލިކޭޝަން މަނާކުރާ ބިލެއް ފާސްކޮށްފައެވެ.

އެމެރިކާގައި ވަކިވަކި ސްޓޭޓްތަކުން ޓިކްޓޮކް މަނާކުރަމުންދާއިރު، އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޓިކްޓޮކް މަނާކުރަން ތާއީދުކުރާ ކަމަށް ރޮއިޓާސް/އިޕްސޯސްގެ އާ ސާވޭއަކުންވެސް ވަނީ ދައްކާފަ އެވެ.