17 Aug 2023, 22:51
މި ގައުމަށް އޮތް ހަމައެކަނި ހައްލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވުން ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު މުޅި ދުނިޔެ ހުއްޓުމަކަށް އައި ވަގުތު އެއްވެސް މީހެއްގެ މުސާރައިން އުނިކުރުމެއްނެތި، އެއްވެސް މީހަކު ވަޒީފާއިން ވަކިކުރުމެއްނެތި އަދި ދައުލަތުގައި ހުރި އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އެމަނިކުފާނު ގައުމު ރަނގަޅަށް ހިންގެވި ކަމަށެވެ.
އެ ދަތި ދަނޑިވަޅުގައި ރައީސް ޞާލިޙު ރާއްޖޭގެ އިގްތިޞާދު ކުރިއަށްގެންދިޔައީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންދެކެ ލޯބިވާ ރައީސަކު އެކަން ކުރައްވާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ ޓެސްޓެއް އިނގޭތޯ. ރައީސް ޞާލިޙު އަޅުގަނޑުމެންނަށް މިވަނީ ޓެސްޓު ކުރެވިފަ. ރައީސް ޞާލިޙު އިތުރުފުޅެއް ނުހައްދަވާނެ. ރައީސް ޞާލިޙު ދައުލަތުގެ ފައިސާއިން ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ. ލިބޭ އެއްޗެއްވެސް ރައްޔިތުނަށްޓަކައި އެ ޚަރަދު ކުރައްވަނީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ރައްޔިތުންނަށް ކުރިއަށްދާނެ މަގު ކޮށައިދިނުން ކަމަށެވެ. އެ ކޮށައިދޭ މަގުން ކުރިއަށް ދިޔުމަކީ ރައްޔިތުންގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގައުމަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ވޯޓު ދެއްވުން،" އަސްލަމް ވިދާޅުވިއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ، އަސްލަމްގެ އިތުރުން އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފްއެވެ. މި ހަފްލާގައި އެމްޑީއޭގެ ނައިބު ރައީސާ އާއިޝަތު ރަފިއްޔާގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.