ލީގުގެ އެއްވަނާގައި އޮތް ނިއުރޭޑިއަންޓާ ދެކޮޅަށް މިދިޔަ ހޮނިހިރު ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ކާމިޔާބީއެއް ވެލެންސިޔާއަށް ހޯދޭނެ ކަމުގެ ޔަގީން އެބައޮތް ކަމަށް އެޓީމުގެ ހެޑް ކޯޗް މުހައްމަދު އިގްބާލް ބުނެފިއެވެ.

ސަން މީޑިއާ ގްރޫޕްގެ "ސަންއެފްއެމް" ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކޯޗް އިގްބާލް ބުނީ، ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރާ އަށް ޓީމް ވެސް، ޖުމްލަ ތިން މެޗް ކުޅެފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހު ނިއުއާ ދެކޮޅަށް ކުޅެ 3-0 ލަނޑުން ވެލެންސިޔާ ބަލިވި ނަމަވެސް، މެޗުގައި ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ ކަމަށެވެ. އަދި އެދުވަހުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ނިއުގެ ކޮޅަށް ގޯލްޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ޓީމުގެ ފޯވާޑުންނަށް ހިފުނުނަމަ މެޗުގެ ލީޑް ވެލެންސިޔާއަށް ނެގޭނެ ކަމަށް ވެސް ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކޯޗް އިގްބާލް ބުންޏެވެ.

"ވެލެންސިޔާއިން ދައްކާ ކުޅުމަކީ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް. ކުރިއަށް ހުރި މެޗުތަކަކީ ވާދަވެރި އަދި ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗްތައް. ވެލެންސިޔާގެ އަމާޒަކީ ރަނގަޅު ކާމިޔާބީއަކާއެކު ފުރަތަމަ ބުރު ނިންމާލުން. އެ ކާމިޔާބީތައް ހޯދުމުގެ ހިތްވަރު ވެލެންސިޔާގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި" ކޯޗް އިގްބާލް ބުންޏެވެ.

އިގްބާލް ބުނީ، ލީގުގައި ވެލެންސިޔާއިން ކުޅުނު ތިން މެޗުގައި ވެސް، ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތް ހަމަ ޖެހޭ ކަމަށާއި ފުރަތަމަ މެޗަށްފަހު، ވެލެންސިޔާގެ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ލީގުގައި ވެލެންސިޔާ ކުޅުނު ފުރަތަމަ މެޗުގައި އޭވައިއެލް އަތުން 1-0 ލަނޑުން މޮޅުވިއިރު، ދެ ވަނަ މެޗުން ބަލިވީ މާޒިޔާ ދެކޮޅަށް ކުޅެ 3-0 ލަނޑުންނެވެ.

ތިން ޕޮއިންޓާއެކު ލީގުގެ ފަސް ވަނާގައި ވެލެންސިޔާ އޮތްއިރު، އަންނަ ހޯމަދުވަހުގެ ހަވީރު ޗެމްޕިއަން ވީބީއާ ދެކޮޅަށް ނިކުންނާނީ ތިން ޕޮއިންޓް ހޯދާ ލީގް ތާވަލްގެ ކުރިއަށް ޖެހިލުމުގެ އުންމީދާއެކު ކަމަށް ވެސް ކޯޗް އިގްބާލް ރޭ ވަނީ ބުނެފަ އެވެ.