17 Aug 2023, 20:40
ޒުވާނުންނަށް އަމާޒުކޮށްގެން އެމްޕީއެލް އިން ހިންގި އިންޓާންޝިޕް ޕްރޮގްރާމް 20 މީހަކު ފުރިހަމަކޮށްފިއެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ޕޯޓާއި ކުޅުދުއްފުށި ސިޓީ ޕޯޓްގައި ވެސް ކުރިއަށްގެންގޮސްފައެވެ.
އިންޓާންޝިޕް ނިންމި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ އިންޓާންޝިޕަށް ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މި ފަހަރު 200 އަށް ވުރެ ގިނަ ޒުވާނުން އިންޓާންޝިޕަށް ކުރިމަތިލި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ސްކްރީންކޮށްގެން މިފަހަރު އިންޓާންޝިޕަށް ހޮވި ދަސްވެނިވީ 20 ޒުވާނުންނެވެ.
ޝާހިދު ވިދާޅުވީ މި އިންޓާންޝިޕްގެ މައިގަނޑު މަގްސަދަކީ އެމްޕީއެލްގައި މަސައްކަތްކުރެވެން ހުރި ތަފާތު ދާއިރާތަކަށް ޒުވާނުން ހޭލުންތެރި ކުރުވާ، އެ ދާއިރާ އަށް ޒުވާނުން އަހުލުވެރިކޮށް ޝައުގުވެރިކުރުވުން ކަމަށެވެ.
މި އިންޓާންޝިޕްގައި ބައިވެރިވި ޒުވާނުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ލިބި، އެމްޕީއެލްގެ ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކުން ވެސް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަޒީފާ އަދާކުރަމުން ޕޯޓުން ލިބޭ ޓްރެއިނިން ޕްރޮގްރާމްތައް އަދި ސްކޮލާޝިޕްތައް ފަދަ ކަންކަމުން ކުރިއަށްދެވޭނެ މަގު ފަހިވެގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެމްޕީއެލް ފަދަ ކުންފުންޏެއްގައި އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މަސައްކަތު އަޚްލާގް ރަނގަޅު ގޮތެއަގައި ބައްޓަންވާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެކަހަލަ ތަނެއްގަ ޅަ ޒުވާން، ސްކޫލް ދަރިވަރުންތަކެއް މަސައްކަތްކުރަން ލިބުމަކީ އެމީހުންގެ މަސައްކަތުގެ އަޚްލާގް ރަނގަޅު ގޮތަށް ފުރަތަމަ ވެސް ބައްޓަން ވެގެން ދާނޭ ކަމެއްހެން. ބައެއްފަހަރު ޒުވާނުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު އެ ތަނެއްގަ އެ އޮންނަ މާހައުލެއްގެ ސަބަބުން، އެ ކުދިންގެ މުޅި ޕްރޮފެޝަނަލް ކެރިއާއަށް އެބަ އަސަރު ކުރޭ،" އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްގެ މި އިންޓާންޝިޕް ޕްރޮގްރާމަކީ ތަފާތު ދާއިރާ ތަކަށް ކުދިންގެ ލޯހުޅުވި، ކުދިންގެ ތަޖުރިބާ އިތުރުވާނެކަމެއްކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެމްޕީއެލް އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ހަސަން މާނިއު
އިންޓާނުން ދަސްވެނި ވުމުގެ ޖަލްސާ ނިންމާލުމަށްފަހު، އިންޓާނުން ކޮށްފައި ހުރި މަސައްކަތްތައް ވެސް އެތަނުގައި ވަނީ ދައްކާލައިފައެވެ. އެގޮތުން ބައިވެރިވި ޒުވާނުން ވަނީ އިންޖިނިއަރިންގެ ތަފާތު އެކި މަސައްކަތްތަކާއި، އެތަނުގެ މަސައްކަތްތަކުގައި ބޭނުންކުރާނެ ބައެއް ޓޫލްސް ބޭނުން ކުރާނެ ގޮތުގެ އިތުރުން، ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުގެ ވެބްސައިޓް ވެސް އެކުދިން އަމިއްލަ އަށް ޑިޒައިން ކޮށްފައެވެ.
މި ވެބްސައިޓް އަވަސް މުއްދަތެއްގައި ރަސްމީކޮށް ލޯންޗު ކުރާނެއެވެ.
އެމްޕީއެލްއަކީ އެޑްވާންސް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް އަހުލުވެރިވެފައިވާ ކުންފުންޏެކެވެ. އެހެންކަމުން އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރުމަކީ އެކަންކަމަށްވެސް އެ ކުދިން އަހުލުވެރިވެ ތަޖުރިބާ ލިބޭނެ ކަމެކެވެ.
މި އަހަރު އެމްޕީއެލް އިންޓާނުންގެ ގޮތުގައި ދަސްވެނިވި ދަރިވަރުންނަކީ އެމްޕީއެލް އިންޓާންޝިޕްގެ ދެވަނަ ބެޗެވެ.