17 Aug 2023, 14:53
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ތައްޔާރުވާން ފަށައިފިއެވެ.
މިއަދު އާބަންކޯއިން ކުރި އިއުލާނެއްގައި ވަނީ ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އޮޑިދޯނި ފަހަރު ނެގުމަށް އަންގާފައެވެ. އެގޮތުން، ދެވަނަ ފިޔަވަހީގެ ފަޅު އެއްކޮށް ހުސްކުރުމަށާއި، އަދި އެ ސަރަހައްދާ ކައިރިން އަޅާފައި ހުރި އޮޑިތަކުގެ ވެރިން މަސައްކަތަށް އުނދަގޫ ނުވާނެހެން ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.
އެ އިއުލާނުގައި ވަނީ ފަޅު ހުސްކުރަނީ އެ ކުންފުނިން ހިންގާ ޕްރޮޖެކްޓެއްގެ ބޭނުމަށް ކަމަށެވެ. ނަމަވެސް، އެއީ ސީދާ ކޮން ޕްރޮޖެކްޓެއް ކަމެއް ބުނެފައި ނުވެއެވެ.
ނަމަވެސް "ސަން" އަށް އެނގިފައިވާގޮތުގައި އެ ސަރަހައްދު ހުސްކުރަނީ ހިއްކުމުގެ މަސައްކަތް ފެށުމަށެވެ. އަންނަ މަހު އެ މަސައްކަތް ފަށަން ނިންމާފައިވާއިރު އެ ސަރަހައްދުން ބޮޑު ބައެއް މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ހާއްސަ ކުރާނެއެވެ.
އެ ސަރަހައްދަކީ މިދިޔަ ސަރުކާރުގައި އެ ސަރަހައްދު ހިއްކި އިރު، މެރީނާއެއް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައި އޮތް ސަރަހައްދެކެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން އެ ސަރަހައްދުން 700 ގޯއްޗެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމުގެ މަސައްކަތް މި ހަފުތާގައި ވަނީ ފަށައިފައެވެ. މިހާރު ކުރިއަށް ދަނީ ގުރުއަތު ނެގުމެވެ.
އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.
ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.