ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި އަހަރުތަކާ އަޅާ ބަލާއިރު މި ވެރިކަމުގައި ކުށްކުރުން ދަށް ވެފައިވާ މިންވަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު އަދަދުތަކުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވަނީ ދެ ދައުރުގައި ރިޕޯޓުކޮށްފައިވާ ކުށުގެ އަދަދުތައް ހާމަކުރައްވާފައެެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި މާރާމާރީގެ 5587 މައްސަލައެއް ރިޕޯޓު ކޮށްފައި ވާއިރު މި ދައުރުގައި ރިޕޯޓު ކޮށްފައި ވަނީ މާރާމާރީގެ 2777 މައްސަލަ ކަމަށެވެ. އަދި ފޭރުމުގެ 3808 މައްސަލަ ރައީސް ޔާމީންގެ ދައުރުގައި ރިޕޯޓު ކޮށްފައި ވާއިރު، މި ދައުރުގައި ރިޕޯޓުކޮށްފައި ވަނީ ފޭރުމުގެ 1785 މައްސަލަ ކަމަށެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ 1563 މައްސަލައަކާއި ޖިންސީ ގޯނާގެ 2838 މައްސަލައެއް އަދި ވައްކަމުގެ 26146 މައްސަލަ ރައީސް ޔާމީންގެ ދައުރުގައި ރިޕޯޓުކޮށްފައި ވެއެވެ.

ނަމަވެސް ރައީސް ޞާލިޙްގެ ދައުރުގައި ހުށަހަޅާފައި ވަނީ، ގެވެށި އަނިޔާގެ 1096 މައްސަލައަކާއި ޖިންސީ ގޯނާގެ 1732 މައްސަލައެއް އަދި ވައްކަމުގެ 18748 މައްސަލަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މުދަލަށް ގެއްލުން ދިނުމުގެ 3071 މައްސަލައެއް ރައީސް ޔާމީންގެ ދައުރުގައި ރިޕޯޓް ކޮށްފައި ވާއިރު، މި ދައުރުގައި ރިޕޯޓު ކޮށްފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ 2174 މައްސަލައެވެ.

އެންމެ ބޮޑަށް މާރިޔާ ފާހަގަ ކުރެއްވީ، މާރާމާރީގައި މީހުން މަރުވުން މަދުވެފައިވާ މިންވަރެވެ. އެގޮތުން ރައީސް ޔާމީންގެ ދައުރުގައި މާރާމާރީތަކުގައި 41 މީހުން މަރުވެފައި ވާއިރު، މި ދައުރުގައި އެ އަދަދު ވަނީ ހަތަކަށް ވެއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ލޯ އެންޑް އޯޑާ ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު މަސައްކަތެއް ކުރެވިއްޖެ،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރައީސް ޞާލީޙްގެ ކެމްޕޭން ޝިއާރު ކަމަށްވާ 'އުފާވެރި އަމާން ރާއްޖެ'އަކަށް މި ގައުމު ހެދުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި މިއީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންވީ ސަބަބު ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.