08 May 2012, 11:31
އީގަލްސްގެ ސީނިޔާ ޓީމާއި ޖޫނިޔާ ޓީމުގައި ވެސް ހިމެނޭ ޒުވާން ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) އަކީ މުސްތަގްބަލްގައި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ރަނގަޅު ފޯވާޑެއް ކަމަށް އެޓީމްގެ ކޯޗް އިހުސާން އަބްދުލް ޤަނީ (ސާންތީ) ބުނެފިއެވެ.
ސަން މީޑިއާ ގްރޫޕްގެ "ސަންއެފްއެމް ކުޅިވަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން ކޯޗް ސާންތީ ބުނީ، ދިރާގް ދިވެހިލީގުގެ ފުރަތަމަ ބުރުގައި އީގަލްސް ކުޅުނު ތިން މެޗުގައި ވެސް ޒުވާން ފޯވާޑް އާއްކޮ ދެއްކި ކުޅުމަކީ ހިތް ހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ކަމަށެވެ. އަދި އާއްކޮއަކީ މުސްތަގްބަލްގައި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ރަނގަޅު ފޯވާޑެއް ކަމަށް ވެސް ސާންތީ ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބުންޏެވެ.
"ޒުވާން ފޯވާޑް އާއްކޮ އީގަލްސްގައި ދައްކާ ކުޅުމަކީ ހިތްހަމަޖެހޭ ވަރުގެ މޮޅުކުޅުމެއް. މިވަގުތު އީގަލްސްގެ ސްކޮޑުގައި ތިބި ޒުވާން އެހެން ކުޅުންތެރިންނަކީ ވެސް ކުރިއަށް އޮތްތާގައި ރާއްޖޭގެ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިން." ސާންތީ ބުންޏެވެ.
ޒުވާން މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި މިއަދު ރާއްޖޭގައި އެންމެ ފުންނާބު އުސް ކޯޗުގެ ތެރޭގައި ހިމެނޭ ސާންތީ ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ވިކްޓަރީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގައި އާއްކޮ ޖެހި ލަނޑާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި އެދުވަހުގެ މެޗުގައި އާއްކޮގެ ލަނޑުން މެޗުގެ ލީޑް އީގަލްސްއަށް ލިބުމުން ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ލިބިގެން ދިޔަކަމަށް ވެސް ސާންތީ ވަނީ ބުނެފައެވެ.
ލީގުގައި ވާދަކުރާ އަށް ޓީމް ވެސް، ފުރަތަމަ ބުރުން ތިން މެޗް ކުޅެފައި ވާއިރު، އީގަލްސް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާއެކު ނިއު އޮތްއިތު ދެ ވަނާގައި ހަތް ޕޮއިންޓާއެކު އޮތީ ވިކްޓަރީއެވެ. އަދި ތިން ވަނައިގައި މާޒިޔާ އޮތީ ހަ ޕޮއިންޓާއެކު އެވެ.