17 Aug 2023, 10:45
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، އެމްޑީޕީ ބޭނުން ކުރައްވަނީ ރައްޔިތުން ކަސްތޮޅު އަޅުވައި، ބަންދު ކުރަން ކަމަށާއި އެހެން އަމަލު ކުރައްވައިގެން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 15 ޕަސެންޓު ވޯޓު ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެމްޕޭނަށް ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިން ވެސް ފިތި ބަންދުވެ، އެ މަނިކުފާނުގެ އަރިހަށް ވަޑައިގަންނަވަން ނުކެރިފައި އެބަ ތިބި ކަމަށެވެ.
އުމުރު ދުވަހުން އުފެއްދި އެމްޑީޕީ މިހާރު ބޭނުން ކުރަނީ އެ ގޮތަށް ރައްޔިތުން ބަންދުކޮށް، ކަސްތޮޅު އަޅުވަން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ވަކި ބޭނުންތަކަކަށް ހުރިހާ ކުދިން ތަންތަނުގައި ބަންދު ކުރެވިފައި. އެ މީހުންނަށް އެ މީހުންގެ ހިޔާލުފާޅު ކުރަން ނުކެރިފައި. އަޅުގަނޑު ކުޑައިރުއްސުރެ ފަށައިގެން ރަހުމަތްތެރިން މި ރަށުގެ އެ މީހުންނަށް ބިރުން އެ ހުންނަނީ އަޅުގަނޑަށް ގޮވައިލަން އަންނަން ނުކެރިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ މިއީކީ ރައްޔިތުން ތިރި ކޮށްލަންވީ، ދަށް ކޮށްލަންވީ, ނިކަމެތި ކޮށްލަންވީ މިންވަރެއް ނޫން،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ކެމްޕޭނަށް ހދ. ނޮޅިވަރަމުގައި -- ފޮޓޯ/ ކެމްޕޭން ޓީމު
އެ މަނިކުފާނު އިޝާރާތް ކުރެއްވީ ސަރުކާރު ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނަށެވެ. ތުހުމަތު ކުރެއްވި ގޮތުގައި އެ ބޭފުޅުން ތިއްބެވީ ވަޒީފާގެ ސަބަބުން ހިޔާލު ފާޅު ކުރަން ނުކެރިފައެވެ. އަދި، އެ ކަމުގައި ބަންދުވެ، އަމިއްލައަށް ބޭނުންވާ ގޮތް ބުނަން ނުކެރޭ ހިސާބުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މީހުން ބަންދުކޮށް، ކަސްތޮޅު އެޅުވުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ. އެހެންވެ، އެމްޑީޕީ ބޭނުން ކޮށްގެން މީހުން ކަސްތޮޅު އަޅުވާ ބަންދު ކުރާތީ އިންތިހާއަށް ހިތާމަ ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"[އެމްޑީޕީ] އެ ބޭނުން ކުރަނީ މީހުން ކަސްތޮޅު އެޅުވުމަށް، ތަޅުލުމަށް، މީހުން ހިފެހެއްޓުމަށް. އަޅުގަނޑުމެންގެ ޖާނާއި މާލުން، ލޭ އޮހޮރުވައިގެން، މުޅި ހަޔާތް އެކީގައި އަނދަގޮނޑީގައި ތިބެގެން އުފެއްދި މުއައްސަސާއެއް. ހަމައެކަނި އަޅުގަނޑުމެންގެ ބޭނުމަކަށްވީ މިނިވަންކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު (ކ) -- ފޮޓޯ/ ޑިމޮކްރެޓްސް
އެއަށް ފަހުގައި އެ މަނިކުފާނު ވަނީ ރައީސް ޞާލިޙް ރަށްރަށަށް އަރާވަޑައިގަންނަވައި ރައްޔިތުންނާ ބައްދަލުނުވާ ކަމަށް ވިދާޅުވެފައެވެ.
"ހަމަ ތެދަށް މި ދަންނަވަނީ އެ އޮތީ 15 ޕަސެންޓުގައި. އެ އަކު ނެތް ރައްޔިތުންނެއް. ރައްޔިތުންނަކާ ގާތެއް ނުވެވޭ. އެ އޮތީ ޕޮލިސް ލައިން އަޅާފައި. އެ ތިބީ ދަގަނޑު މުގުރު ހިއްޕަވައިގެންނޭ. އެއީކީ އަޅުގަނޑުމެން އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ރައީސަކު އަމަލު ކުރަން ބޭނުންވީ ގޮތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.