17 Aug 2023, 09:32
އާލާސްކަންފުޅާ އުޅުއްވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިހާރު އެ މަނިކުފާނު ފައްޓަވައިފައިވާ އއ. އަތޮޅާއި އދ. އަތޮޅުގެ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިއްޔެ ރައީސް ކެމްޕޭން ދަތުރުފުޅު ފެއްޓެވިއިރު ވެސް އުޅުއްވީ އާލާސްކަންފުޅާއެެވެ. އެގޮތުން ރޯގާގެ ސަބަބުން، އެ މަނިކުފާނަށް ވާހަކަފުޅުދެއްކެވުމުގައި ވެސް ދަތިތަކާ ކުރިމަތިވެވަޑައިގެންފައިވެއެވެ.
"ސަން"އަށް މައުލޫމާތު ލިބުން ގޮތުގައި މި ދަތުރުފުޅު ރައީސް ކުރުކޮށްލައްވަނީ އެހެންވެއެވެ. އަދި އާލާސްކަންފުޅުން ރަނގަޅުވަންދެން އަރާމުކުރެއްވުމަށެވެ.
އިއްޔެ އއ. އަތޮޅުގެ ކެމްޕޭން ރައީސް ފައްޓަވައި ޖުމުލަ ހަތް ރަށަކަށް ވަނީ ވަޑައިގެންފައެވެ. އެއީ ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހެވެ.
މިއަދު ވެސް އަށް ރަށަކަށް ވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. އެއީ އއ. އަތޮޅުގެ ހިމެންދޫ ހިމެނޭހެން، އދ. އަތޮޅުގެ ހަންޏާމީދޫ، ދިއްދޫ، ދަނގެތި، ދިގުރަށް، ކުނބުރުދޫ، އޮމަދޫ، އަދި މަހިބަދޫއެވެ.
ދަތުރުފުޅަށް ބަދަލު ނައިނަމަ މިއަދު ރައީސް މާލެ ފުރައިވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިރޭ މަހިބަދޫގައި އޮންނަ ޖަލްސާއަށް ފަހުގައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިހާތަނަށް ރައީސް 89 ރަށަކަށްވަނީ ވަޑައިގެންފައެވެ.