ގިނަ ގޯލްތަކެއް ޖެހުމުގެ ބަދަލުގައި ކުޅޭ ކޮންމެ މެޗަކުން ތިން ޕޮއިންޓު ހޯދުން މާމުހިންމު ކަމަށް ދިރާގު ދިވެހި ލީގުގެ އެންމެ ކުރީގައި މިވަގުތު އޮތް ނިއުރޭޑިއަންޓުގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން މޯހަން ބުނީ، ލީގުގައި ވާދަކުރާ އަށް ޓީމް ވެސް، ޖުމްލަ ތިން މެޗް ކުޅެ، ލީގް އިތުރަށް ފޯރިގަދަ ކުރިއިރު، ނިއުގެ ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ގިނަ ގޯލްތަކެއް ޖެހުމަށްވުރެ ، ކުޅޭ ކޮންމެ މެޗަކުން ތިން ޕޮއިންޓު ހޯދުން މާމުހިންމު ކަމަށާއި ލީގުގެ ފުރަތަމަ ބުރު ނިންމާލަން ބޭނުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ތާވަލްގެ ކުރީގައި އޮވެގެން ކަމަށް ވެސް މޯހަން ބުންޏެވެ.

މޯހަން ބުނީ، ކުރިއަށް ހުރި މެޗްތަކަކީ ނިއުއަށް ވަރަށް މުހިންމު މެޗްތަކެއް ކަމަށާއި އެމެޗް ތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި މިހާރުވެސް ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވާކަމަށެވެ. އެގޮތުން މިދިޔަ ތިން މެޗުގައި ޓީމްގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކްތައް ކުރިއަށް ހުރި މެޗްތަކުގައި ތަކުރާރު ނުކުރުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް ކޯޗް މޯހަން ބުންޏެވެ.
މޯހަން ބުނީ، ތިން މެޗް ކުޅެ ފައިދާ 10 ގޯލާއެކު އެއް ވަނައިގައި ނިއު އޮތްއިރު، ޓީމްގެ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުމުން ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް ޓީމަށް ކުރިމަތި ވެފައިވާކަމަށެވެ.

ނިއު ދެން ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހު އީގަލްސްއާ އެވެ.