ކުށުގެ ވެށިން ދުރުކުރުމާއި، ކުށުގެ ވެއްޓަށް ފާރަވެރިވުމުގެ އިތުރުން ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ ހޯދުމުގެ މައްޗަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯގެ ތިންވަނަ ސިޔާސަތު ކަމަށްވާ "އަމާން މުޖުތަމައު" މިރޭ އިފްތިތާހްކޮށްފިއެވެ.

އއ. އުކުޅަހުގައި މިރޭ ބޭއްވި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭނު ޖަލްސާގައި މި ސިޔާސަތު އިފްތިތާހްކޮށްދެއްވީ އެމަނިކުފާނެވެ.

ކުށުގެ ވެށިން ދުރުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާ ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހިމަނާފައެވެ.

ކުށުގެ ވެއްޓަށް ފާރަވެރިވުން:

  • އިތުބާރުހުރި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރާނެ.

  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރާނެ.
  • ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފްކުރާނެ.
  • އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފާނެ.
  • ސައިބާ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބާ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ.
  • ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ.
  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ.

ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ ހޯދުމުގެ ދަށުން ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެ
ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި، އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.