17 Aug 2023, 08:56
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "އޯމައި ގޯޑް2"ގެ ލީޑް ރޯލްއިން ފެނުނު ބަތަލާ ޔާމީ ގޯތަމްއަށް ބައެއް ބެލުންތެރިންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ޔާމީ ގޯތަމް ވަކީލެއްގެ ރޯލްއިން މިފިލްމުގައި ފެނިފައިވާއިރު ބަތަލާއަކީ 'އަންޑަރޭޓެޑް' ބަތަލާއެއްގެގޮތުގައި ބައެއް ބެލުންތެރިންވަނީ ސިފަކޮށްފައެވެ.
އަކްޝޭ ކުމާރު ލީޑް ރޯލް ކުޅެފައިވާ މިފިލްމު ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްގެ ކްލަބަށް ވަދެފައިވާއިރު ޔާމީ ގޯތަމްވަނީ ފާޑުކިޔުންތެރިންނަށް ޓްވިޓާ މެދުވެރިކޮށް ރައްދު ދީފައެވެ. ޔާމީ ބުނެފައިވަނީ ބައެއް އެކްޓަރުންނަކީ އެންމެ ރެއަކުންވެސް ކާމިޔާބީ ހާސިލުކުރާ ބައެއްކަމަށާއި އެހެން އެކްޓަރުން އެތަކެއް އަހަރުވަންދެން ކާމިޔާބީ ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
ބައެއް އެކްޓަރުންނަކީ ލިބިފައިވާ އެކްޓިންގެ ހުނަރު ވަރަށް ރަނގަޅަށް މާކެޓްކުރަން ދަންނަ ބައެއްކަމަށާއި ޔާމީއަށް ދަސްވެފައިވަނީ ބުރަކޮށް މަސައްކަތްކުރުމާއެކު ފިލްމީ ކެރިއަރަށް ހެޔޮ އަސަރުކުރާނެ ރަނގަޅު ސްކްރިޕްޓްތަކެއް ޚިޔާރުކުރުމަށްކަމަށް ޔާމީވަނީ ބުނެފައެވެ. އަދި އެއްވެސް އިރެއްގައި އަމިއްލަ މީހާ މާކެޓްކޮށް ލިބިފައިވާ އެކްޓިންގެ ހުނަރު މާކެޓްކުރުމުގެ ޝައުގުވެރިކަމެއް ބަތަލާ ނުގެންގުޅޭކަމަށްވަނީ ބުނެފައެވެ.
ޔާމީވަނީ ފިލްމު އިންޑަސްޓްރީގެ ގިނަ ޕްރޮޑިއުސަރުންތައްވެސް ބަރޯސާވަނީ ފިލްމުގެ ކޮންޓެންޓު މާކެޓުކުރުމުގެ ބަދަލުގައި އެފިލްމެއްގެ އެކްޓަރަކު މާކެޓްކުރުމަށްކަމަށްބުނެ ވަރަށްބޮޑަށް އެކަމަށް ފާޑުކިޔާފައެވެ. އޭގެ ނަތީޖާއެއްގެގޮތުން ޔާމީމެންފަދަ ބުރަކޮށް މަސައްކަތްކުރާ ބަތަލާއިންނަށް އާއްމުންގެ ފުރައްސާރަކުރުންތަކާ ގިނަފަހަރަށް ކުރިމަތިލާންޖެހޭކަމަށްވެސް މި ޓްވިޓާ މެސެޖުގައިވަނީ ބުނެފައެވެ.
ޔާމީ ފިލްމުގައި ދެއްކި ޕާފޮމެންސަށް އެއްބަޔަކު ފާޑުކީނަމަވެސް ބަތަލާއަށް ހެޔޮއެދޭ ސަޕޯޓަރުންވަނީ މިފަހަރުވެސް ޔާމީގެ ރޯލުން ލިބިފައިވާ އެކްޓިންގެ ހުނަރާއެކު ގިނަބަޔަކު ހައިރާންކުރުވައިފިކަމަށް ބުނެފައެވެ.
ފިލްމު "ވިކީ ޑޯނާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭގައި "ގާބިލު"، "ދާސްވީ"، "އުރީ: ދަ ސަޖިކަލް ސްޓްރައިކް" އަދި ދާދިފަހުން ނެޓްފްލިކްސްގައި ޕްރިމިއަކުރި ފިލްމު "ޗޯރު ނިކަލްކޭ ބާގާ" ހިމެނެއެވެ.