މިމަހު 25ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ބަތަލާ ނުޝްރަތު ބަރުއްޗާގެ ފިލްމު "އަކެއްލީ"ގައި ކުޅެފައިވާ ރޯލަކީ ނުޝްރަތު ނޫން އެހެން ފިލްމީ ތަރިއަކަށް ކުޅެވޭނެ ރޯލެއް ނޫންކަމަށް ޑައިރެކްޓަރު ޕްރާނޭ މެޝްރަމް ބުނެފިއެވެ.

ޕްރާނޭ ބުނެފައިވަނީ "އަކެއްލީ"ގެ ބަތަލާއަކަށް ބޭނުންވީ ވަރަށް މައުސޫމު ސިފަތަކެއް ހުންނަ ފަރާތެއްކަމަށެވެ.

ފިލްމާ ބެހޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނުޝްރަތު ބުނެފައިވަނީ މި ކަހަލަ ތުރިލާ ފިލްމުތައް ކުޅެން އަބަދުވެސް ޝައުޤުވެރިކަން ހުންނަކަމަށެވެ. ނުޝްރަތު ލީޑް ރޯލްއިން ފެންނަ މި ފިލްމުގައި ބަތަލާ ފެންނާނީ އިރާގުގައި ހިނގާ ދާޚިލީ ހަނގުރާމައިގެތެރޭ ތާށިވެ އަމިއްލަ ޤައުމަށް އެނބުރި ދިއުމުގައި ދިމާވާ ހުރަސްތަކާއި ހަނގުރާމަކުރާ އަންހެނެއްގެ ރޯލްއިންނެވެ.

ނުޝްރަތު ބުނީ މި ފިލްމުގައި ގެނެސްދޭ ވާހަކައިން ހާމަވަނީ ދިރިއުޅުމުގައި ކޮންމެ ފަދަ ކަމަކާވެސް ކުރިމަތިލާން ޖެހިދާނެކަން ކަމަށާއި އެކަންކަމުން ހިމާޔަތް ހޯދައިގަންނަން ކޮންމެ އަންހެނަކަށްވެސް އެނގެންޖެހޭ ކަމަށެވެ.

ފިލްމާގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ޑައިރެކްޓަރު ޕްރާނޭ ބުނީ މިހާތަނަށް ނުޝްރަތު ކުޅެފައިވާ ރޯލްތަކުން ބަތަލާގެ އެކްޓިންގް ހުނަރު ބެލުންތެރިންނަށް ފެންނަންޖެހޭ މިންވަރަށް ދައްކުވައިދެވިފައިވާކަމަށް ޤަބޫލުނުކުރެވޭކަމަށާއި "އަކެއްލީ"އިން ބަތަލާގެ އެކްޓިންގް ހުނަރު ވަރަށް ފުޅާގޮތެއްގައި ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. އަދި މިއީ ނުޝްރަތު ލީޑް ރޯލްއިން ފެންނާނެ ފުރަތަމަ ފިލްމުކަމަށާއި އޯޑިއަންސްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުންނާނީ ނުޝްރަތުއަށްކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ޕިޔާރުކާ ޕަންޗްނާމާ"، "ސޯނޫ ކޭ ޓީޓޫކީ ސްވީޓީ"އަދި "ޗޯރީ"ފަދަ ފިލްމުތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާވަނީ ފިލްމު "ޗޯރީ2"ކަށްވެސް ސޮއިކޮށްފައެވެ. މި ފިލްމަކީ 2021ވަނަ އަހަރު ރިލީޒްވެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.