16 Aug 2023, 23:04
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ މަސްބޯޓެއް ސިފައިން އަތުލައިގެންފިއެވެ.
އެމްއެންޑީއެން އިން ބުނީ ހަތް މީހުންނާއެކު ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުގައި އެ ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10'' ދޯނިން ކަމަށެވެ.
މިމަސްބޯޓްގައި ތިބި މީހުން ކުރަމުން އައީ ކޮން ޒާތެއްގެ މަސްވެރިކަމެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
މި ބޯޓު މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދާފައެވެ. އަދި މި ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ސަރަހައްދުން ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް މީގެ ކުރިން ވެސް ބޭރުގެ މަސް ބޯޓުުތަކާއި ދޯނިތައް ހިފަހައްޓާފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ލަންކާގެ އުޅަނދު ފަހަރެވެ.