އާރަށު މައްސަލައިގެ ތަހުގީގުގައި ހަނު ހުރީ ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ފުރައްސާރަ ކުރުމަތިވުމުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށްދާއިރު މިއަދު އޮތް އަޑުއެހުމުގައި ޔާމީން ވަނީ އޭނާގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

ފުއްގުރީގެ މައްސަލައާއި އާރަށު މައްސަލަ ތަހުގީގު ކުރީ އެކުއެކީގައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ, އެ ދުވަސްވަރު އޭނާ ހުންނެވީ ވޮޑަމުލާ މައްސަލައިގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ކަމަށެވެ.

"ފަސް ހަ ފަހަރު ބަޔާނެއް ތަފާތުކޮށްފައި ގެނައީމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައީ ތި ކުރައްވަނީ ހެރެސްއޭ [ފުރައްސާރަ] ފުލުހުންގެ ހުރިހާ ލޮގެއްގައި ވެސް އެ ވާހަކަތައް ހުންނާނެ,"

އެ މައްސަލަތަކުގައި ފުލުހުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ޔާމީން ފުލުހުންނަށް ދެންނެވިކަމަށް މިއަދު ވިދާޅުވިއެވެ.

"އެ ބޭފުޅުން ކަންތައްކުރެއްވި ގޮތަކީ އެއީ. ކަނޑައެޅިގެން ރިކޯޑްގައި ކޯލް ލޮގްތަކުގައި އެ ވާހަކަތައް ހުންނާނެ. އަޅުގަނޑު މި ހަނު ހުންނަނީއެއް ނޫނޭ. އެހެން ދަންނަވާފަ މި ހެރެސްމެންޓް ކަންތައް ބޮޑުވެގެން ދިޔައީމަ ފުލުހުންގެ ރިޕޯޓުން ފެންނަން އޮންނާނެ އަޅުގަނޑުގެ ހުރިހާ ވަކީލުން އިސްތިއުފާ ދެއްވީ," ޔާމީން ވިދާޅުވިއެވެ.

އިސް ވަކީލުންތައް އެއް ފަހަރާ މައްސަލައިން ތަނާޒުލުވުމުން ދެން އައްޔަނު ކުރަން ޖެހުނީ އާދައިގެ ވަކީލުންކަން ފާހަގަކޮށް ޔާމީން ވިދާޅުވީ, އޭރު ހަނު ހުރީ ފުލުހުންގެ ފަރާތުން ދިމާވި ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

ފުލުހުންގެ އަމަލުތައް ހުރީ ވަކި ގޮތަކަށް މައްސަލަ ގެންދަންކަން ތުހުމަތުކޮށް ޔާމީން ވިދާޅުވީ, އެކަމުގެ ސަބަބުން އޭނާ އަށާއި ދިފާއީ ވަކީލުންގެ ޓީމަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އަޅުގަނޑަށް ހަމަ އެހާ ދަތިވެގެން ދިޔަ. ހަމަ ކަނޑައެޅިގެން ހެރެސް [ފުރައްސާރަ] ކުރި. އަޅުގަނޑުގެ ހުރިހާ ވަކީލުން އެއް ފަހަރާ ވޯކްއައުޓުކުރި. އެހެންވީމަ އެހާ ދަތިކޮށްދިޔަ މައްސަލައެއް މިއީ ވަކޮގޮތަކަށް ގެންދަންދިޔަ," ޔާމީން ވިދާޅުވިއެވެ.

"ދެވަނަ މަރުހަލާގައި ޕާސިސްޓެންސްކޮށް މިކަން ދިޔައީމަ އަޅުގަނޑު އޮންނާނެ ހަނަހުރުމުގެ ހައްގު ބޭނުންކޮށްފަ," ޔާމީން ވިދާޅުވިއެވެ.