ތިލަމާލެ ބުރިޖުގެ މަސައްކަތް ޗައިނާ ބަޔަކާ ހަވާލްކުރިނަމަ މިހާރު ބުރިޖު ނިމުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ސީއެންއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބްރިޖް އެޅުމުގައި ޗައިނާ އާއި އިންޑިއާގެ ތަފާތު މިހާރު ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާ ބަޔަކާ މި ކޮންޓްރެކްޓު ހަވާލު ކުރިނަމަ މިހާރު ބުރިޖު އަޅާ ނިމޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޑިއާގެ ކުންފުނިތަކަށް ވުރެ ބްރިޖްގެ މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތައް މާ ހަލުވި ކަމަށެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.

ބްރިޖްގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދެއެވެ. އެފްކޮންސް އިން ބުނެފައި ވަނީ އެ މަސައްކަތްއެއްކޮށް ނިމޭނީ އަންނަ އަހަރު ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހޭނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކަމަށެވެ. ސަބަބަކީ ދައުލަތުގެ ދަރަނިތައް ދެއްކޭވަރުގެ އެހެން ކެންޑިޑޭޓެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ މިވަގުތު ސަރުކާރާ ހަވާލުވާން ނޫޅޭށޭ. މިހާ ބޮޑު ލޯނެއް އޮވެފަ މި ނުދެއްކޭ ވަރުގެ ވިސްނުމެއް ހުރި ކެންޑިޑޭޓުންތަކެއް މި ވާހަކަ މި ދައްކަވަނީ. ކިހިނެތްހޭ މި އަންނަ އަހަރު މިހާ ބޮޑަށް ދައްކަންޖެހެއޭ. އެއް ބިލިއަން ޑޮލަރޭ. ތިމަންނަމެން މިތިބީ ހުންއައިސްފައޭ. އެހެންވީމަ އެބޭފުޅުން ކުރިމަތިނުލައްވާ،" ދޮންބިލަތް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެއްވި މަސައްކަތުން އެކަނި ވެސް އެމަނިކުފާނު ވެރިކަމަށް ގެންނަންޖެހޭ ސަބަބު ސާފުވާ ކަމަށެވެ.