08 May 2012, 09:58
ނިއުދިއްލީ (މޭ 8): އެމެރިކާ އިން އަފްޣާން ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ނުހުއްޓާނަމަ ދެ ޤައުމުގެ ގުޅުންތައް ދެމެހެއްޓުމާބެހޭ ގޮތުން ސޮއިކޮށްފައިވާ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުން އުވާލާންޖެހިދާނެކަމުގެ އިންޒާރު އަފްޣާނިސްތާނުން އެމެރިކާ އަށް ދީފި އެވެ.
އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވިދާޅުވީ އެމެރިކާ އިން އަފްޣާން ޢާންމު ރައްޔިތުންނަށް ޙަމަލާތައް އަމާޒުކުރުން ހުއްޓާނުލާ ނަމަ އަދި އެމެރިކާގެ ޙަމަލާތަކުގައި އަފްޣާން ޢާންމުން މަރުވާމަރުވުން ނުހުއްޓުވޭނެ ނަމަ 2014ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ސްޓްރެޓީޖިކް ގުޅުންތައް ޤާއިމްކުރުމުގެ ބޭނުމެއް ނެތްކަމުގަ އެވެ.
2014ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު ދެ ޤައުމުގެ ގުޅުންތައް ދެމެހެއްޓުމާބެހޭ ގޮތުން އަފްޣާނިސްތާނުގެ ރައީސް ކަރުޒާއި އާއި އެމެރިކާގެ ރައީސް އޮބާމާ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރެއްވީ މިދިޔަ ހަފްތާގަ އެވެ. ކަރުޒާއި މިމޭރުމުން ވާހަކަ ދެއްކެވީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންގެ އިސްކޮމާންޑަރު ޖެނެރަލް ޖޯން އެލަން އާއި ކާބުލްގައި ހުންނަވާ އެމެރިކާގެ ސަފީރު ރައިންކުރޫކަރ ރިޔާސީ ގަނޑުވަރަށް ގެންނަވައި އެދެބޭފުޅުންގެ ހާޒިރުގައި ކަމަށް ކަރުޒާއިގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއް ބުނެ އެވެ.
އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިންގެ ސީދާ ޙަމަލާތަކުގައި އަފްޣާން އާންމުން ކޮންމެދުވަހަކު ކަހަލަގޮތަކަށް މަރުވަމުން ދެއެވެ. އަދި އެމެރިކާ ސިފައިން ރޭގަނޑުގެ ވަގުތަކުގައި އަފްޣާން ވިލެޖްތަކުގެ ގެތަކަށްވަދެ އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ ޢާއިލާތަކަށް ބިރުދައްކައި ޢާއިލާތައް ހުރިހުރިގޮތަށް ބަޑިޖަހައި މެރުންފަދަ ހަނގުރާމައިގެ އެތަށް ޖަރީމާތަކެއް ހިންގާފައިވާ އިރު މިފަދަ ޖަރީމާތައް ހިންގާ އެމެރިކާ ސިފައިންނަށް ވަރަށް ލުއިއަދަބެއްނޫނީ ދީފައެއްނުވެ އެވެ.
ނަތީޖާއެއްގެ ގޮތުން ތާލިބާނުންގެ ތާއީދު ބޮޑުވެ އަފްޣާން އާންމުންގެ މެދުގައި އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ރޫޙު އަށަގަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)