16 Aug 2023, 15:49
އައްޑޫ ސިޓީން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވި އެންމެނަށް ގޯތި ދިނުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.
އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ ޝަރުތުހަމަވާ އެންމެންނަށް ގޯތިދޭން ނިންމިއިރު، އޭގެ ތެރޭގައި، އަލަތު ކައިވެންޏެއް ނުކޮށް ތިބި ޒުވާނުން ވެސް ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަނުވަނީ ވަރަށް މަދު މީހެއް ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެ ގޯތިތައް ދޫކުރަނީ މިހާރު ހުރި ބިމުންނާއި، އަލަށް ހިއްކާ ބިން ވެސް ހިމެނޭހެންނެވެ.
އައްޑޫގެ ބިން ހިއްކުމަށް ހިންގާ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ. އޭގެ އިތުރުން އައްޑޫ ހުޅުމީދޫގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީން 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެބަ ކުރިއަށްދެއެެވެ.
މާލެއިން ވެސް ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވީ އެންމެންނަށް ގޯތި ދިނުމަށް، ސަރުކާރުން ވަނީ ނިންމާފައެވެ. އެ މީހުންނަށް ހުޅުމާލެއާއި، ގުޅީފަޅު އަދި ގިރާވަރު ފަޅުން ގޯތިދިނުމަށް ނިންމާފައިވާއިރު، އެ ގޯތި ތަކުގެ ގުރު ނެގުން މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.