ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި އާންމު ކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމާ ގުޅިގެން ފާއިތުވި ދައުރު އެއްކޮށް ކަހަލަ ގޮތަކަށް މަޖިލިސް އޮތީ މަރުތަޅެއްގައެވެ. ބައެއް މެންބަރުން އެމްޑީޕީން ވަކިވުމާއެކު މަޖިލީހުގެ ދަފްތަރަށް އައި ބަދަލުގެ ސަބަބުން ކޮމިޓީތައް އެކުލަވައި ނުލެވި، މުހިންމު މަސައްކަތްތައް ކުރިއަށް ނުގެންދެވި ދިގު ދެމިގެން ދިޔައެވެ.

ކޮމިޓީތައް އެކުލަވައިލަން ދައުރު ދަންމާލަން އެމްޑީޕީން އެދިއެދި އޮއްވައި، އެކަން ނުކުރައްވާ މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

އެއަށްފަހު އެމްޑީޕީން އެދުމުން ދައުރުން ބޭރު ދެ ޖަލްސާއެއް ބާއްވައި އެމްޑީޕީން ހުށަހެޅި ގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކޮށްފައި ވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.