08 May 2012, 09:45
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ދެކޮޅުވެރިކަން ފާޅުކުރުމަށް މުޅި ރާއްޖޭގައި އަތްފުނާއަޅައިގެން އެންމެ އަޑުހަރު ސްޕީކަރު ރަށަށަށް ގެން ގޮސްގެން ދެބަޔަކަށް ބެހި ވާދަޔަށް އަޑު އަޑުގަދަ ކުރާ ވާހަކަ ކަމަށް ވިދާޅުވި އެވެ. މިއީ އެއް ވާހަކަ އެކެވެ. މިކަހަލަ ތަހުޒީބު ނޫން އެތައް ކަމެއް ރާއްޖޭގައި ގިނަ އެވެ.
މިފަދަ ކަންކަން ހިނގާއިރު ވަރަށް ގިނަ ކަންކަމުގައި އެކަންކަން ހުއްޓުވާނެ ގާނޫނުތަކާއި ގަވައިދު ވެސް ރާއްޖޭގައި އެބަހުއްޓެވެ. އެހެންނަމަވެސް ހިރަފުސް އަރާފަ އެވެ.
މިސާލަކަށް މަގުމައްޗަށް ކުޅުޖަހައިފިނަމަ 500ރ. ވުރެ، ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް ގާނޫނުގައި ލިޔެފައި އެބައޮތެވެ. މީސްމީހުންނާއި ފޮށުމާއި ނުރުހުމުގައި ގަޔަތް އަތްލުމައި އާންމުތަނެއްގައި ގަޟާހާޖަކުރުމުން ވެސް އަދަބު ދެވޭ ގޮތަށް އެބަހުއްޓެވެ.
ކުނިއެޅުމާއި ކުނިވެފައި ހުރި އެއްޗެހި ކުނިގޮނޑަށް ގެންދާއިރު، އާންމުންނަށް އުދަގޫވާނަމަ، ވެސް އަދަބުލިބެ އެވެ. އަވަށްޓެރިން ނުވަތަ އާމުންނަށް އުނދަގޫވާގޮތަށް އަޑު ގަދަ ކުރިޔަސް އަދަބު ލިބެ އެވެ. އަދި ދަންވަރު 12:00ގެ ފަހުން 16 އަހަރުން ދަށުގެ ކުޑަކުއްޖަކު މަގުމަތީގައި އުޅޭނަމަ އެކުއްޖާގެ މައިންބަފައިންގެ މައްޗަށް އިޖުތިމާއީ އަމުރަކަށް ކޯޓްގައި އެދެވިދާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި އެބައޮތެވެ. އެއީ އޮގަސްޓް 3، 2010ގައި ރައީސް މުހައްމަދު ނަޝީދު ތަސްތީގު ކުރައްވާފައިވާ އާންމު އިޖުތިމާއީ މިންގަނޑުތައްކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގަ އެވެ.
ރާއްޖޭގައި ދުންފަތްކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްގެ ސަބަބުން އެހެން މީހަކަށް އެކަމުގެ އުނދަގޫވާނަމަ އެ މީހަކު އެކުރީ ކުށެކެވެ. އެގޮތުން މީހުންނަށް އުނދަގޫވާ ގޮތަކަށް އާންމުތަންތަނާއި ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ހޮޓާތަކުގައި ސިނގިރެޓް ބުއިން މަނާ ކުރާ އުސޫލުތައް ބަޔާންކޮށް ގަވާއިދުތަކެއް ވެސް އެ ގާނޫނުގެ ދަށުން ހަދާފައި އެބަހުއްޓެވެ. އެވެސް 2010 ވަނަ އަހަރު ތަސްތީގު ކުރި ގާނޫނެކެވެ. ނަމަވެސް އެކަން އެނގޭ މީހަކު ވެސް ނެތެވެ.
އެ ގާނޫނުގެ ދަށުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑެއް އުފަންދަންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އާ ސަރުކާރުގެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ "އެއީ އޮންނަ ބޯޑެއް ހެއްޔޭ"
އެވެ؟
އާންމު މިންގަނޑުތަކާ ސުލޫކާ ގުޅޭ މިފަދަ ކިތަންމެ ގާނޫނުތަކެއް އެބަހުއްޓެވެ. ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު އައުމުން ގެވެށި ގުޅުމަކުން ގުޅިގެންވާ ދެ މީހަކު އެއީ ފިރިމީހާކަމުގައި ވިޔަސް އަދި އަނބިމީހާކަމުގައި ވިޔަސް އެކަކަކު އަނެކަކަށް ފާރަލުން މަނަލެވެ. އެކަން ކޮށްފިނަމަ އެކުރީ ކުށެކެވެ. ބަހުގެ ހަމަލާދިނުމާއި މާލީ ގޮތުން ދަތިކުރުމަކީ ވެސް ކުށެކެވެ. މިހެންގޮސް ކިތަންމެ ކަމެއް އެބަހުއްޓެވެ.
ސުވާލަކީ މިފަދަ ގާނޫނުތައް ތަންފީޒު ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟
އެއްކަމެއް އެއްކަމެއް އެނގެ އެވެ. އެފަދަ ގާނޫނުތަކަށް އާންމުންގެ ލޯހުޅުވިފައި ނެތް ކަމެވެ. އަދި ބައެއް ގާނޫނުތައް ތަންފީޒުކުރަން ޖެހޭ ކައުންސިލްތަކާއި އެ ކައުންސިލުތަކުގެ ބަލަދުވެރިފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ހަރަކާތްތެރިކަން ކުޑަކަމެވެ.
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެކަންތައް ތަންފީޒު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖޭގައި އެބަހުއްޓެވެ. ބައެއް ގާނޫނީ ވަކީލުން ވިދާޅު ވަނީ ދިވެހިންގެ ވިސްނުން ތަރައްގީ ވުމުގެ މާ ކުރިޔަށް ބައެއް ގާނޫނުތައް ގާނޫނުތައް ރާއްޖޭގައި އައިސްފައިވާ ކަމަށެވެ.
"މުއައްސަސާތައް ތަރައްގީވޭ. ދައުލަތް އެކަމަށް ހަރަދު ކުރުމަށް ތައްޔާރުވޭ، އެކަކަމަކު އާންމުން އެހާވަރަކަށް ހޭލުންތެރިއެއް ނުކުރުވޭ، އެހެންވީމާ ބައެއް ކަންކަން ތަންފީޒު ނުވެ އެއީ އޮންނަ ކަމަކަށް ވެސް ދަނީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ވަކީލު އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ބައެއް ގާނޫނުތަކަކީ އެ ގާނޫނުތައް ވުޖޫދަށް އައުމުން ދިވާވާނެ ދަތިތަކާއި ބޭނުންވާނެ ވަސީލަތްތަކަށް ނުބަލައި ހަދާފައިވާ ގާނޫނުތަކެކެވެ. އެގޮތުން ތަމްރީނު ލިބިފައިތިބި މުވައްޒަފުންނާއި ހިންގުމުގެ ދާރިރާގެ ގާބިލުކަން ލިބިފައިވާ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި އެފަދަ ގާނޫނުތައް އުފެއްދުމުގެ ކުރިން ދިވެހިންގެ މުޖުތަމައުގެ ބައެއް މިންގަނޑުތަކުގައި ދިވެހިންގެ ވިސްނުން ބަދަލު ވާންޖެހެ އެވެ.
ގާނޫނެއް ވުޖޫދަށް އައުމުން އެކަމަށް އެތައް ފައިސާއެއް ބަޖެޓުން ހަރަދުވާނެ ކަމަށެވެ. ނަމަވެސް މިހާރު ތަސްދީގުކޮށް، ތަންފީޒު ނުކުރެވި "ވަޅުލެވިފައިވާ" ގާނޫނުތަކުގެ އަސްލަކީ ދައުލަތުގެ މާލީ ދަތިކަމުން ދިމާވާ މައްސަލަތަކެއް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
"ކިހިނެތްތޯ ތިގާނޫނުތައް ތަންފީޒު ކުރާނީ. މިއުޅެނީ ގާނޫނު އަސާސީގައި ބުނެފައި ހައްގުތައް ކަށަވަރު ނުވެގެން. ގާނޫނު އަސާސީގައި ބުނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ ވަކީލުން ދައުލަތުން އައްޔަން ކުރަންވާނެ ކަމަށް. ނަމަވެސް އެކަން ވެސް ނުވޭ. އަދި ރަށްރަށުގައި ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކަށް ދައުލަތުގެ ފަރާތުން އެ ރަށަކަށް ވަކީލަކު ނުފޮނުވޭ ބަޖެޓްގައި ފައިސާ ނެތިގެން. އެފަދަ އަސާސީ ކަންކަން ނުކުރެވިގެން އުޅޭއިރު، ގާނޫނުތަކެއް ތަންފީޒެއް ނުވާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.
އެފަދަ ގާނޫނެއްގެ ދަށުން ކޯޓްގައި ދައުވާ ކުރިއަސް ނުކުންނާނެ މައްސަލަތަކެއް އެބަހުއްޓެވެ. އެއީ ވެސް ވަކީލުން ނަންގަވާ މައްސަލައެކެވެ. އެއީ ގާނޫނުތަކާއި ގާނޫނު އަސާސީ ތައާރަޒްވުމެވެ. ނުވަތަ އެއް ގާނޫނާއި އަނެއް ގާނޫނާ ތައާރަޒް ވުމެވެ.
ހުރިހާ ކަމަކަށް ވުރެ ބޮޑު އަނެއް މައްސަލައަކީ ގާނޫނުތަކަށް ފާރަވެރިވާން ޖެހޭ ވަރަށް ފުލުހުން ތިބިތީ އުފެދޭ ސުވާލެކެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި ގޮތުގައި ގާނޫނެއް ތަސްދީގު ކުރުމާ އެކު އެ ގާނޫނަކަށް ފުލުހުން ހޭލުންތެރިކޮށް، ރިޕްރެޝް ކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ފުލުހުންނަށް ހިންގަ އެވެ.