ނިއުދިއްލީ (މޭ 8): އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންސާނީ ހައްގުތަކުގެ މައްސަލާގައި ސްރީލަންކާ އަށް ފިއްތުންތައް ކުރިމަތިކުރުމާބެހޭ ގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އިންޑިޔާގައި އިއްޔެ ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން 2009 ވަނަ އަހަރު ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި އެޤައުމުގެ ތަމަޅަ އާންމުންގެ ފުރާނައަށް ބެލުމެއްނެތި ސްރީލަންކާ ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޢަމަލުތަކުގައި ތަމަޅަ ޢާންމުންގެ އެތައް ހާސްބަޔަކު މަރުވެފައިވާ މައްސަލާގައި ސްރީލަންކާ އަށް ފިއްތުންތައް ކުރިމަތިކުރުމާބެހޭ ގޮތުން އިންޑިޔާގެ ޑިޕްލޮމެޓިކް އެހީތެރިކަން ހޯދުމަށް އެޤައުމުގެ މަސްއޫލުވެރިންނާ ހިލަރީ ވާހަކަ ދެއްކެވި އެވެ.

ސްރީލަންކާ ސިފައިން ތަމަޅަ އާންމުންނާ އަދި ޓައިގަރު ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށްބުނެ ސްރީލަންކާ އަށް އަބަދުދިނުމަށް އެމެރިކާ އާއި ހުޅަނގު ބޭނުންވާއިރު، ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ އާއި ނޭޓޯ އިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ އޮއްބާލުމަށް ހުޅަނގުގެ ބާރުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ސްރީލަންކާގެ މައްސަލަ މާބޮޑުކަމަކަށް ހަދައިގެން ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ސްރީލަންކާއާ ދެކޮޅަށް ކެމްޕޭންކޮށް ޤަރާރުތައް ފާސްކޮށް އެޤައުމަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާ އާއި ހުޅަނގުން މަސައްކަތްކުރަމުން ގެންދިޔަ ނަމަވެސް އެ މައްސަލާގައި ސްރީލަންކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމާދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ އާއި ރަޝިޔާގެ ފަރާތުން ސްރީލަންކާއަށް ލިބިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މިމައްސަލާގައި ހިލަރީ އަށް އިންޑިޔާ އިން ދިން ޖަވާބު އެނގިފައެއްނުވެ އެވެ. ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ހިލަރީ އިންޑިޔާ އަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެ ދަތުރުފުޅުގައި ސްރީލަންކާގެ މައްސަލަގައިގެ އިތުރުން އަފްޣާނިސްތާނުގެ މައްސަލައާއި ނިއުކްލިޔާ މައްސަލާގައި އީރާން އެކަހެރިކުރުމަށް އެމެރިކާ ކުރާ މަސައްކަތުގައި ވެސް އިންޑިޔާގެ އެހީތެރިކަމަށް އިންޑިޔާގެ މަސްއޫލުވެރިންގެ ކިބައިން ހިލަރީ އެދިވަޑައިގެންނެވި ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)