16 Aug 2023, 12:01
މޯލްޑިވިއަންއިން އިންޑިއާގެ ބެންގަލޫރަށް ފްލައިޓުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންއިން ބުނީ ބެންގަލޫރަށް ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 30ގައި ކަމަށެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުދަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ދަތުރުތައް މިއަދުން ފެށިގެން ބުކް ކުރެވޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންގެވެބްސައިޓުންބެންގަލޫރު ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދައި، ފްލައިޓުތައް ބުކް ކުރެވޭނެއެވެ.
މޯލްޑިވިއަންއިން ބުނީ، ބެންގަލޫރު ދަތުރުތަކުގެ ޝެޑިއުލް ހަމަޖައްސާފައި ވަނީ ޗުއްޓީއާއި ވިޔަފާރީގެ ބޭނުމަށް ވެސް ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް ބަލާފައި ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބެންގަލޫރަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ޚިޔާރު ކުރުމުގެ ފުރުސަތު ފުޅާވާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
އެ އެއާލައިނުން މިހާރު ވެސް އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައް ބާއްވައެވެ.