ޖިއޯ ސިނަމާގައި ސްޓްރީމް ކުރަމުން އަންނަ "ބިގް ބޮސް އޯޓީޓީ2"ގެ ޝޫޓިންގް ކުރިޔަށްދާ ގެ ސާފުތާހިރުކޮށް އޮންނާތީ އެކަމުގެ ޝުކުރު ހައްގުވާ ފަރާތަކީ ކުރީގެ ބަތަލާ ޕޫޖާ ބަޓްކަމަށް ސަލްމާން ޚާން ބުނެފިއެވެ.

ޕޫޖާ ބަޓްއަކީ އަބަދުވެސް ސާފުތާހިރުކަމަށް ލޯބިކުރާ ފަރާތެއްކަމަށް ބުނަމުން ސަލްމާން ބުނީ ހާއްސަކޮށް ބިގް ބޮސް ގޭގެ ފާޚާނާ އެހާ ސާފުތާހިރުކޮށް މީގެ ކުރިން ހުއްޓާ ނުދެކޭ ކަމަށެވެ. ބަތަލާ އާލިއާ ބަޓްގެ ދައްތަ ޕޫޖާ ބަޓްއަކީ މިފަހަރުގެ "ބިގް ބޮސް އޯޓީޓީ2"ގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެއް ބައިވެރިއެކެވެ. ޕޫޖާއާ ބައްދަލުކުރުމަށް ބައްޕަ މަހޭޝް ބަޓްއާއެކު އާލިއާ ވަނީ ދާދިފަހުން "ބިގް ބޮސް" ގެއަށްވެސް ގޮސްފައެވެ.

ކުރީގެ ފިލްމުތަކުން ފެނިފައިވާ މަގުބޫލު ބަތަލާ ޕޫޖާއާ މުޚާތަބުކޮށް ދެކެވުނު ވާހަކައިގައި ސަލްމާން ބުނީ މީގެކުރިން އޭނާ ވެސް ވަނީ ފާޚާނާ ސާފުކޮށްފައި ކަމަށެވެ. އެގޮތުން ސަލްމާން ކިޔަވަން ބޯޑިންގް ސްކޫލްގައި އުޅުނު ދުވަސްވަރު ގޭތެރޭގެ ވަރަށް ގިނަ މަސައްކަތްތައް އަމިއްލައަށް ކުރިކަމަށާއި ސަލްމާން ޖަލުގައި ހޭދަކުރި ދުވަސްވަރު ވެސް ފާޚާނާ ސާފުކޮށްފައި ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ސަލްމާން ބުނެފައި ވަނީ އެއްވެސް މަސައްކަތަކީ ވަކި ބަޔަކަށް ކުރަން ކަނޑައެޅިފައިވާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ޖިއޯ ސިނަމާއިން ސްޓްރީމްކުރަމުން އައި 'ބިގް ބޮސް2" ރޭ ނިންމާލިއިރު މިފަހަރުގެ ސީޒަންގެ ހޯސްޓަކީ ސަލްމާން ޚާންއެވެ.

ސަލްމާން ޚާންއަކީ ކަލަސް ޗެނަލްއިން ގެނެސްދެމުން އަންނަ "ބިގް ބޮސް" ސީރީސް ދިގު މުއްދަތަކަށް ހޯސްޓުކުރަމުން އަންނަ ފަރާތެކެވެ. މި ސީރީސްގެ 17ވަނަ ސީޒަން މި އަހަރުތެރޭ ފަށަން ވަނީ ތައްޔާރުވެފައެވެ. ނަމަވެސް އެއީ ކޮން ތާރީޚެއްކަމެއް އަދި އިއުލާނުނުކުރެއެވެ. ސަލްމާން ޚާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ނޮވެމްބަރު 10ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ޓައިގާ3"އިންނެވެ. މިފިލްމަށްފަހު އެކްޓަރު ތައްޔާރު ވާނީ އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ޓައިގާ ވާސަސް ޕަތާން"އަށެވެ.

މިއީ ފިލްމު ކަރަން އަރުޖުންއަށްފަހު ލީޑް ރޯލްއިން ސަލްމާންއާއި އެކްޓަރު ޝާހްރުކް ޚާން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.