ބަތަލަ ލާރާ ދައްތާއާއި ޕަތުރަލިކާ އެކީގައި ފެންނަ ފިލްމު "ސޫރްޔަސްތު"ގެ ޝޫޓިންގް ނިންމާލައިފިއެވެ.

ޑައިރެކްޓަރު އަވީޝެކް ގޯޝްގެ މި ފިލްމަކީ ބަދަލުހިފުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ޑްރާމާ ތުރިލާ އެކެވެ. އިނގިރޭސިވިލާތުގެ ހިތްގައިމު އެކި ލޮކޭޝަންތަކުގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވާއިރު "ސޫރްޔަސްތު"ގެ ލީޑް ރޯލުން ފެންނާނީ ވެސް ލާރާއާއި ޕަތުރަލިކާއެވެ.

ލަރާ ވަނީ މީގެ ކުރިން ވެސް ޑައިރެކްޓަރު އަވީޝެކް ގޯޝްއާ އެކު ފިލްމު "އިޝްޤް އެ ނަދާން"ގައި މަސައްކަތް ކޮށްފައެވެ. މި ފިލްމުގައި ކުޅުނު އަވަންތިކާގެ ރޯލަކީ މިހާތަނަށް ލާރާއަށް ކުޅެވުނު އެންމެ ތަފާތު އަދި ވަރަށް ޗެލެންޖިންގް ރޯލެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ. ލާރާ އެކޭ އެއްގޮތަށް ބަތަލާ ޕަތުރަލިކާ ވެސް ބުނެފައިވަނީ ފިލްމުގައި ކުޅެފައިވާ ރޯލާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ބެލުންތެރިން ފިލުމާ މެދު ދެކޭ ގޮތް އަޑު އަހާލަން ކެތްމަދު ވެފައިވާ ކަމަށެވެ. މި ފިލްމަކީ ލާރާއާއި ޕަތުރަލިކާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ލާރާ ދައްތާއަކީ 2000 ވަނަ އަހަރު އިންޑިއާއަށް މިސް ޔުނިވާސް ތާޖު ކާމިޔާބު ކޮށްދިނުމާ އެކު ފިލްމީ ދާއިރާއިން ފަހިވި ގިނަ ފުރުސަތުތަކާ އެކު ވަރަށް ތަފާތު ރޯލުތަކުން މިހާތަނަށް ފެނިފައިވާ ބަތަލާއެކެވެ.

ހެއްވާ މަޖާ ފިލްމުތައް ކަމަށްވާ "މަސްތީ"، "ނޯ އެންޓްރީ"، "ބާގަމް ބާގް" އަދި "ޑޮން"އިން މަގުބޫލުވި ބަތަލާ 2021 ވަނަ އަހަރު ކުޅުނު ފިލްމު "ބެލް ބޮޓޮމް"އަކީ ވެސް ލާރާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ފިލްމެކެވެ. މި ފިލްމުގައި ލާރާ ކުޅެފައިވާ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީގެ ރޯލެވެ. ފިލްމުގައި ކުޅުނު އެ ކެރެކްޓާއަށް ތައްޔާރުވުމަށް ލާރާވަނީ ވަރަށް ގިނަ ވަގުތު ތަފާތު މޭކަޕެއްގައި ސެޓުގައި ހޭދަކޮށްފައެވެ. ލާރާއާ އެކު ފިލްމު "ސޫރްޔަސްތު"ގައި ފެންނަ ބަތަލާ ޕަތުރަލެކާ އަކީ 2014 ވަނަ އަހަރު ފިލްމު "ސިޓީ ލައިޓްސް"އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާއެކެވެ. ފިރިމީހާ އަދި އެކްޓަރު ރާޖްކުމާރު ރާއޯ ވެސް މުހިއްމު ރޯލް ކުޅުނު "ސިޓީ ލައިޓްސް"އަށް ފަހު ޕަތުރަލެކާ ބޮޑަށް ފެނިފައިވަނީ ވެބް ސީރީސްތަކުންނެވެ.