16 Aug 2023, 09:01
ކެނެޑާގެ ރަށްވެހިކަން އޮންނާތީ އާއްމުންގެ ގިނަ ފާޑުކިޔުންތައް އަބަދުވެސް ރައްދުވާ އެކްޓަރު އަކްޝޭ ކުމާރު އެފަދަ ފަރާތްތަކަށް ރައްދެއްގެގޮތުގައި އިންޑިއާގެ ރަށްވެހިކަން އޮތް ލިޔުންތަކާއެކު ޕާސްޕޯޓު ވެސް ދައްކާލައިފިއެވެ.
އިންޑިއާގެ 77ވަނަ މިނިވަން ދުވަހާ ދިމާކޮށް އަކްޝޭ ވަނީ އަމިއްލަ ޓްވިޓާ އެކައުންޓު މެދުވެރިކޮށް މި ޚަބަރު ހިއްސާކޮށްފައެވެ.
ފިލްމު "އެއަރ ލިފްޓް" އަދި "ރުސްތަމް"ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރަކީ މީގެކުރިން ކެނެޑާގެ ރަށްވެހިކަން އޮންނަ ފަރާތެކެވެ. އާއްމުންގެ ފާޑުކިޔުންތައް މިކަމާ ގުޅިގެން ދޭތެރެއިން ދޭތެރެއިން އަކްޝޭއަށް އަމާޒުވެއެވެ. ޓްވިޓާ މެދުވެރިކޮށް ރަށްވެހިކަން އޮތް ރަސްމީ ލިޔުންތައް ދައްކާލަމުން އަކްޝޭ ބުނެފައިވަނީ ކެނެޑާގެ ރަށްވެހިކަން ދޫކޮށް އަމިއްލަ ޤައުމު އިސްކޮށްފައިވާ ކަމަށެވެ. އޭނާގެ ހިތް އަބަދުވެސް އޮންނާ އިންޑިއާގައި ކަމަށާއި މިހާރު އެއީ ރަސްމީކޮށް އިންޑިއާގެ ރަށްވެއްސެއްކަމަށް އޭނާ ބުންޏެވެ.

އަކްޝޭ ކެނެޑާއަށް ދިރިއުޅުން ބަދަލުކުރުމަށް ނިންމީ ފިލްމީ ކެރިއަރު ފެށިތަނާ އޭރު ކުޅުނު ފިލްމުތަކަށް މާބޮޑު ތަރުހީބު ނުލިބުމާ ގުޅިގެން އެ ޤައުމުގައި މަސައްކަތް ކުރުމަށެވެ. ކެނެޑާގައި އުޅުނު ރަޙްމަތްތެރިއެއްގެ އެދުމުގެމަތިން ކެނެޑާގެ ރަށްވެހިކަން ހޯދުމަށް ހުށަހެޅުމުން ވަރަށް ފަސޭހައިން އެކަން ހަމަޖެހުނު ކަމަށާއި އެހެންނަމަވެސް އޭރު އަކްޝޭގެ ދެ ފިލްމެއް ސުޕަހިޓަކަށް ވުމުން ދިރިއުޅުން އިންޑިއާއަށް ބަދަލުކުރިކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އޭރު ރަށްވެހިކަން އިންޑިއާއަށް ބަދަލުކުރުމަށް ނުވިސްނާކަމަށާއި ނަމަވެސް ފަހުން އެކަމަށް ހުށަހެޅީކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އަކްޝޭއަށް އިންޑިއާގެ ރަށްވެހިކަން ލިބުމާ ގުޅިގެން ވަރަށް ގިނަ ބަޔަކުވަނީ އެކްޓަރަށް މަރުޙަބާ ކިޔާފައެވެ. އިންޑިއާގެ ޤާނޫނުގައި އޮންނަގޮތުން އިންޑިއާގެ ރައްޔިތަކު ބޭރު ޤައުމެއްގެ ރަށްވެއްސަކަށް ވެއްޖެނަމަ އިންޑިއާގެ ރަށްވެހިކަން އެ މީހަކަށް ނުލިބޭނެއެވެ.
ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ ކައިވެނިކޮށް ދެ ކުދިންވެސް ތިބި އެކްޓަރުގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިމަހުގެ 11ވަނަ ދުވަހު ސިނަމާތަކަށްއައި ފިލްމު "އޯމައި ގޯޑް"އެވެ. ހިންދީ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކްޓަރު ވަނީ އިތުރު ފަސް ފިލްމަކަށް ސޮއިކޮށްފައެވެ. މި ފިލްމުތަކުގެ ތެރެއިން މި އަހަރުގެ އޮކްޓޯބަރ މަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމަކީ "ދަ ގްރޭޓް އިންޑިއަން ރެސްކިއު"އެވެ. އަކްޝޭއާއެކު މިފިލްމުގައި ބަތަލާ ޕަރިނީތީ ޗޯޕްރާ އަދި ސުނިލް ޝެޓީ މުހިއްމު ރޯލް ކުޅޭނެއެވެ.