އައިރިން އެންޓާ ޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ފަޅާލައި އެތަނުން ވަގަށް ގެންގޮސްފައިވާ ލެޕްޓޮޕަކާއި އަދިވެސް އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުން ހޯދައި އެތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ރޭ ބުނެފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން އެތަކެތި ފެނިފައި ވަނީ ވައްކަމުގެ އެހެން މައްސަލައެއްގައި ފުލުހުންގެ ބަންދަށް ގެންގޮސްފައި ހުރި 18 އަހަރުން ދަށުގެ ކުއްޖެއްގެ ގެ ބަލައި ފާސްކުރަނިކޮށް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ވަނަ ކުއްޖާ ވެސް ހުރީ އެހެން މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެއީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސް އިން ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.