15 Aug 2023, 21:14
ބްރެންޓްފޯޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާ، ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލާ ގުޅިފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު، އާސެނަލާ ރާޔާ ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށެވެ. އުމުރުން 27 އަހަރުގެ ރާޔާއަށް އާސެނަލުން 3 މިލިއަން ޕައުންޑް (3.8 މިލިއަން ޑޮލަރު) ހަރަދުކުރަން ޖެހޭ އިރު، ސީޒަން ނިމުމުން 27 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު)ގެ އަގަކަށް އޭނާ ދާއިމީކޮށް ގެންދިއުމުގެ ފުރުސަތު ވެސް އެއްބަސްވުމުގެ ދަށުން އާސެނަލަށް ލިބޭނެއެވެ.
ބްރެންޓްފޯޑާއެކު ރާޔާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވުމުން، ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެތީ 2025ގެ ނިޔަލަށް އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް އާކޮށްފައެވެ. އާސެނަލުގައި ރާޔާ ބޭނުންކުރާނީ އެ ކްލަބުގެ 22 ނަމްބަރުގެ ޖާޒީއެވެ.
އާސެނަލުން ލޯނުގެ ދަށުން ރާޔާ ހޯދާފައިވަނީ އެ ކްލަބުގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި އެމެރިކާ ކީޕަރު މެޓް ޓާނާ ނޮޓިންހަމް ފޮރެސްޓާ ގުޅުމުންނެވެ. އާސެނަލާ ރާޔާ ގުޅުމުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނީ މިވަގުތު އެ ކްލަބުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ހުރި އިނގިރޭސި ކީޕަރު އާރޮން ރަމްސްޑޭލްއެވެ. އެ މަގާމަށް ރަމްސްޑޭލާއި ރާޔާގެ ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ސްޕެއިންގެ ބާސެލޯނާއަށް އުފަން ގޯލްކީޕަރު ރާޔާ މުޅިން ވެސް ފެނިގެންދިޔައީ އިނގިރޭސި ކްލަބުތަކުންނެވެ. ރާޔާގެ ކެރިއަރު 2014 ވަނަ އަހަރު ބްލެކްބާން ރޯވާސް އިން ފެނިގެންދިޔަ އިރު، އޭނާ ބްރެންޓްފޯޑާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ ބްރެންޓްފޯޑް، ޕްރިމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.
ރާޔާ އަކީ ކުޅުމުގައި ވަރަށް ބޮޑަށް ބައިވެރިވާ ކީޕަރެކެވެ. އެހެންކަމުން އޭނާއަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބޭނުންކުރާ ކުޅުމުގެ ސްޓައިލާ ވަރަށް ގުޅޭނެ ކީޕަރެކެވެ.