07 May 2012, 21:55
ޑީއާރްޕީއަކީ މެދުމިނުގެ ވިސްނުމަށް ތާއީދު ކުރާ ޕާޓީއެއް ކަމަށް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ އަލަށް ގާއިމު ކުރި އެޕާޓީގެ އޮފީހާއި ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ތަސްމީން މިރޭ ވިދާޅުވީ ޑީއާރްޕީގެ މައިގަނޑު ފިކުރު ބިނާވެފައިވަނީ މެދުމިނުގެ ވިސްނުމެއް ގެންގުޅުން ކަމަށާއި ޑީއާރްޕީން އެއްވެސް ގޮތަކަށް ހަރުކަށި ސިޔާސަތުތަކަށް ތައީދު ނުކުރާނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ އަށް ޕާޓީއަކީ ވެސް އެކި ފިކުރު ތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީތަކެއް ކަމަށާއި ވަކިކަމަކަށް އެއްބަސްވުމަށް އެއްވެސް ކަހަލަ އެގްރިމެންޓެއް ހެދިފައި ނުވާތީ އެކިކަންކަމުގައި ހިޔާލު ތަފާތުވެގެން ދިއުމަކީ ވަރަށް ތަބީއީ ކަމެއްކަމަށެވެ. ނަމަވެސް މި ސަރުކާރައި ގުޅިގެން އަންނަ 2013 އިގެ އިންތިހާބައި ހަމައަށް ސަރުކާރު ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.
"އެއްބައިވަންތަކަމުގެ ސަރުކާރު ތެރޭގައި ތަފާތު ހިޔާލުތަކުގެ ފިކުރުތަކުގެ ޕާޓީތައް އެބަހުރި އަޅުގަނޑުމެންނަށް ފެންނަގޮތުގައި އަދި އިނގޭ ގޮތުގައި ތަފާތު ޕާޓީތަކުން ކެނޑިޑޭޓުން ނުކުމެ އަންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަމުން ގެންދަވާނެ،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރްޕީގެ ލީޑަރު ވިދާޅުވީ އާސަންދައިގެ ޕްރޮގްރާމަށް މިހާރު މާލިއްޔަތު ކޮމިޓީންން ގެންނަން އުޅޭ ބަދަލަށް ޑީއާރްޕީން ތާއީދު ނުކުރާ މައިގަނޑު ސަބަބުތަކަކީ އެ ޕާޓީއަކީ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ ޕާޓީއަކަށް ވުމުން ރައްޔިތުންގެ އަތުން އެއްވެސް ކަހަލަ އަގެއް މިދަނޑިވަޅުގައި ނަގަން ގަބޫލް ނުކުރެވޭތީ އާއި މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ވެސް ތައީދު ނުކުރާން ނިންމީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ދޭތަންތަނުގެ ހާލަތު ވޭތުވެދިޔަ ތިން އަހރުގެ ތެރޭގައި ދަށަށް ގޮސްފައިވާ މިންވަރުގެ ސަބަބުން ކަމަށެވެ.
"ދައުލަތުގެ ހޮސްޕިޓަލްތަކާއި ދައުލަތުގެ ކުލިނިކުތައް މިހާރު ހުރިހާލަތު އެތަންތަނުން ދޭންޖެހޭ ހިދުމަތްތައް ތަރައްގީކޮށް ދޭންޖެހޭ މިންވަރު އެކަންކަން އެގޮތުގައި ކުރިއަރުވާ ތަރައްގީ ނުކޮށް އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކު ތަކުން ދޭންޖެހޭ ސިއްހީ ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެޔާ އެއީ ދިވެހި ރައްޔިތުންނަށް ލިބޭ ހިތްދަތިކަމެއް،" ތަސް މީން ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ މެންބަރަކު ކޮމަން ވެލްތުން ވަކިވުމަށް ހުށައެޅި ބިލަށް ވެސް ޑީއާރްޕީން ތާއީދު ނުކުރީ އެންމެ ޒިންމާދާރު ގޮތްކަމަށް އެޕާޓީން ގަބޫލު ނުކުރާތީ ކަމަށާއި އަދި އެއީ މެދުމިނަށް ތާއީދު ކުރެވޭ ކަމަށް ނުވާތީ ކަމަށެވެ.
ގުޅިގެންދާ ގޮތަށް ޑީއާރްޕީގެ އޮފީހާއި ހަރުގެ، ފާށާނާ ކިލެގެ މަގުގައި ހުޅުވުމުގެ ހަފްލާގައި ބައިވެރިވި ގާތްގަޑަކަށް 150 އެއްހާ މެންބަރުންނާއި މުހާތަބުކުރައްވާ ތަސްމީން ވިދާޅުވީ އެޕާޓީގެ ހަރަކާތްތައް ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަހު މަޑުޖެހިގެން ގޮސްފައިވަނީ އެޕާޓީގެ އޮފީހާއި ހަރުގެ ހެދުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މިރެއަށް ފަހު ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ރާއްޖެގެ އެކި ރަށްތަކާއި އަތޮޅުތަކުގައި ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ހަފްތާއަކު ދެރޭ ޓީވީ މެދުވެރިކޮށް ޑީއާރްޕީން ހިންގާ އެކި މައުލޫމާތަށް ހިމެނޭ ޑީއާރްޕީގެ ހާއްސަ ޓީވީ ޕްރޮގްރާމް ތަކެއް ގެންނާނެ ކަމަށެވެ.