މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ލަވަތަކަށް ބިނާކޮށް ބެލްޖިއަމްގެ ގެންޓް ޔުނިވާސިޓީގައި ކޯހެއް ފަރުމާކޮށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޓޭލާގެ ލަވަ ލިޔުމުގެ ހުނަރަކީ އެތައް ބަޔަކު އެއަށް ގިނަ ތައުރީފު ކުރާ ހުނަރެކެވެ. ލަވަތަކުގެ ޅެންވެރިކަމުގައި ވާހަކަ ކިޔައިދޭ ގޮތުން އެތައް ބަޔަކަށް ތަފާތު ކަންތައްތައް އިހުސާސްކޮށްދޭ ކަމަށް އެތައް ބަޔަކު ބުނެއެވެ.

މި ކަންތަކަށް ބިނާކޮށް ގެންޓް ޔުނިވާސިޓީއިން ތައްޔާރުވަމުން ދަނީ ޓޭލާއާ ގުޅޭ ހާއްސަ ކޯހެއް ފެށުމަށެވެ.

ޓޭލާގެ މިއުޒިކް ޑިސްކޯގްރަފީގައި ހިމެނޭ ލަވަތަކަށް ބިނާކޮށް ގެންޓް ޔުނިވާސިޓީއިން ފަށަން ހަމަޖެހިފައިވަނީ ލިޓްރޭޗާ ކޯހެކެވެ. މި ކޯހާ އެކު ލިޓްރޭޗާ ކްރެޑިޓް ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ލިބޭނެއެވެ. އަލަށް ފަށާ މި ކޯހަށް ކިޔާނީ "ލިޓްރޭޗާ: ޓޭލާސް ވާޝަން"އެވެ. ކޯހުގެ ނަމަކީ ޓޭލާ ރީ ރިކޯޑު ކުރާ އަލްބަމްތަކާ ގުޅުވާލައިގެން ތައްޔާރުކޮށްފައިވާ ނަމެކެވެ.

ޓޭލާ އަންނަނީ އޭނާގެ ކުރީގެ ހުރިހާ އަލްބަމްތަކެއް ރިކޯޑް ލޭބަލް އަތުން ނެގުމަށް އަލުން ރީ ރެކޯޑު ކޮށް ރިލީޒް ކުރަމުންނެވެ. އަލަށް ރިލީޒްކުރާ ރީރެކޯޑިންތަކުގެ ޓައިޓަލްގައި "ޓޭލާސް ވާޝަން" ޖަހާފައި ހުރެއެވެ.

ގެންޓް ޔުނިވާސިޓީގައި ލިޓްރޭޗާ ކޯސް ފަރުމާކޮށް ކިޔަވައިދޭނީ އެސިސްޓެންޓް ޕްރޮފެސާ އެލީ މެކޯސްލަންޑްއެވެ.

އެލީ ބުނާގޮތުގައި ޓޭލާގެ ފޭނުންގެ އިތުރުން ޓޭލާގެ މިއުޒިކަށް ޝައުގުވެރިކަން ނެތް ދަރިވަރުންނަށް ވެސްް ކޯހުގައި ބައިވެރިވެވޭނެއެވެ. މި ކޯހުގެ ބޭނުމަކީ ޓޭލާގެ މިއުޒިކްތަކާއި ޅެންތައް ބޭނުންކޮށްގެން އޭނާގެ މިއުޒިކް އުފައްދާފައިވާ ގޮތްތައް އެނަލައިޒް ކުރުން ކަމުގައި އެލީ ފާހަގަކުރެއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ކޯސް ފަށާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ މިފަދަ ކޯހެއް ޔޫރަޕުގައި ބަޔަކު ހިންގާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެމެރިކާގައި ވަނީ މީގެކުރިން ޔުނިވާސިޓީއަކުން މިފަދަ ކޯހެއް ކުރިއަށް ގެންގޮސްފައެވެ.