16 Aug 2023, 08:49
މަޝްހޫރު ލަވަކިޔުންތެރިޔާ ލިޒޯއާ ދެކޮޅަށް ތަފާތު އެކި ކަހަލަ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައި މިއުޒިކް އައިކޮން ބިޔޯންސޭ އޭނާގެ ސަޕޯޓު ލިޒޯއަށް އޮތް ކަމަށް ހާމަކޮށްފިއެވެ.
މި މަސް ފެށުމާ އެކު އިވިގެން ދާން ފެށީ މަޝްހޫރު ލަވަކިޔުންތެރިޔާ ލިޒޯއާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެކެވެ. އޭނާގެ ކުރީގެ ޑާންސް ޓީމުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް ލިޒޯއާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް އުފުލައި ކޯޓަށް ވަނީ މައްސަލަތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ނެށުންތެރިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ނުރައްކާތެރި އަދި ނުރަނގަޅު މަސައްކަތުގެ މާހައުލެއް އުފެއްދުމުގެ އިތުރުން އެކި ކަހަލަ ގަނާ ކުރުމުގެ މައްސަލަތަކާ ގުޅޭ ތުހުމަތުތަކެއް ހިމެނެއެވެ.
މި ތުހުމަތުތައް އުފުލައި ލިޒޯއާ އެކު މަސައްކަތް ކުރި ހަޔަކަށް ވުރެ ގިނަ ނެށުންތެރިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މައްސަލަތައް ފެންމަތިވި އިރު ލިޒޯ އޮތީ ބިޔޯންސޭ މިހާރު ކުރިއަށްދާ "ރިނޭސޯންސް" ޓުއާގައި ބައިވެރިވުމަށް ހަމަޖެހިފައެވެ. ނަމަވެސް މައްސަލަތަކާ ގުޅިގެން ބިޔޯންސޭ އޭނާގެ ޓުއާއިން ލިޒޯ ބޭރުކޮށްލިއެވެ.
އެތައް ބަޔަކު ބޭނުންވީ މި ކަމާ ގުޅޭ ގޮތުން ބިޔޯންސޭގެ ފަރާތުން ސީދާ ބަހެކެވެ. ނަމަވެސް އެތައް ދުވަހެއް ވަންދެއް އެއްޗެއް ނުބުނެ އެންމެ ފަހުން ބިޔޯންސޭ ވަނީ އޭނާގެ ޓުއާގެ ތެރޭގައި ޕަފޯމް ކުރަމުން ލިޒޯއަށް ސަޕޯޓު އޮތް ކަމަށް އިއުލާނުކޮށްފައެވެ.
އެއާ އެކު ބިޔޯންސޭގެ އެތައް ފޭނުންނެއް ވަނީ އޭނާ އާ ދެކޮޅަށް ހިޔާލު ތަފާތުވުން ތަކެއް ހިއްސާކޮށްފައެވެ.
ލިޒޯ އާ ދެކޮޅަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާއަށް ބަޔާނެއް އާންމުކޮށްފައެވެ. އޭނާ ވަނީ އެ ހުރިހާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ވަރަށް ބޮޑަށް ދެރަވާ ކަމަށް ވެސް ލިޒޯ ހާމަކުރެއެވެ.