މި ފަހުން ގިނަ ބަޔަކަށް އެންމެ ކަމުނުދިޔަ އަދި ފާޑުކިޔުން ރައްދުވާ ޓީވީ ސީރީޒްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ޓީން ޑްރާމާ "ރިވަޑޭލް" އެންމެ ފަހުން ނިންމާލުމާ ކައިރިވެއްޖެއެވެ.

ސީޑަބްލިއުގެ އެންމެ މަގުބޫލު އެއް ސީރީޒްގެ ގޮތުގައި އޮތް ރިވަޑޭލްގެ ސީޒަނެއް ނިމޭއިރަށް މުޅި އިންޓަނެޓް އިންތިޒާރު ކުރާނީ އެއް ޚަބަރަކަށެވެ. އެއީ އެ ސީރީޒް ކެންސަލު ކޮށްލާނެ ކަމުގެ ޚަބަރަށެވެ. ނަމަވެސް ކޮންމެ އަހަރަކު ޝޯގެ އާ ސީޒަނެއް ނެރެމުން އަންނައިރު، ގިނަ ބައެއްގެ މެދުގައި އެ ސީރީޒް ވަނީ ބޮޑު ޖޯކަކަށް ވެފައެވެ.

ރިވަޑޭލް ކެންސަލު ކޮށްލާނެ ކަމުގެ ވާހަކަ އިއުލާނުކުރަން ތިއްބައި ސީޑަބްލިއުއިން ހާމަކުރީ ސީރީޒް ނިންމާލާނެ ކަމަށެވެ. މިދިޔަ އަހަރު ސީޑަބްލިއުއިން ބުނީ ޝޯގެ މިހާރު އަޅުވަމުންދާ ހަތްވަނަ ސީޒަންއާ އެކު ރިވަޑޭލްގެ ވާހަކައަށް ނިމުމެއް އަންނާނެ ކަމަށެވެ.

އެއަށް ފަހު އެތައް މަހެއް ވެފައިވާއިރު ގިނަ ބަޔަކު ތިބީ ރިވަޑޭލްގެ މަތީން ހަނދާން ވެސް ނެތިފައެވެ. އެތައް ބަޔަކު ހީކޮށްގެން ތިބީ މިހާރު ޝޯ ނިމިއްޖެ ކަމަށެވެ. ނަމަވެސް ސީޑަބްލިއުއިން ދާދި ފަހުން ހާމަކޮށްފައިވަނީ ޝޯގެ އެންމެ ފަހު އެޕިސޯޑް އަންނަ ހަފުތާގައި ދައްކާނެ ކަމަށެވެ.

އަންނަ ހަފުތާ ބުދަ ދުވަހު ދައްކާ، ޝޯގެ ހަތްވަނަ ސީޒަންގެ 20 ވަނަ އެޕިސޯޑު ވެގެންދާނީ ޝޯ ނިންމާލާ އެޕިސޯޑަށެވެ.

މި ވާހަކަ އާންމުކުރުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ކިޔަމުން ދިޔައީ ޝޯ ނުނިމޭކަން ނޭނގޭ ކަމަށެވެ. އަދި, މި ޝޯ ނިންމާލިތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

ސީރީޒްގެ ކާސްޓުން ވެސް ވަކި ހިސާބަކަށް ދިޔައިރު އެ ސީރީޒާއެކު ކުރިއަށް ދާން ބޭނުންނުވާ ކަމަށް ބުންޏެވެ. އެހެންވީމާ ސީރީޒްގެ ލީޑް އެކްޓަރުން ކޭޖޭ އެޕާ އާއި ކޯލް ސްޕްރައުސް އަދި ލިލީ ރެއިންހާޓް އާއި ކެމިލާ މެންޑޭޒް އަދި މެޑަލިން ޕެޝް މިވަގުތު ތިބީ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.