ތޫނިސް (މޭ 7) : އިސްލާމީ ސިޔާސީ ފިޤްހާބެހޭ ވަރަށް ޚާއްސަ ބައިނަލްއަޤްވާމީ މަހާސިންތާއެއް ތޫނިސްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. މި މަހާސިންތާ އިންތިޒާމްކުރީ ތޫނިސްގެ އިސްލާމީ ޔުނިވަރސިޓީއެއްކަމަށްވާ އައްޒައިތޫނާ ޔުނިވަރސިޓީއާއި އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަޤްވާމީ އިއްތިޙާދު ގުޅިގެންނެވެ.

ދުނިޔޭގެ ނަންމަޝްހޫރު އިސްލާމީ ޢިލްމުވެރިންނާއި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އިސްލާމީ ފިކުރުގެ މީހުންނާއި އިސްލާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން މަންދޫބުން ބައިވެރިވާ މިމަހާސިންތާގެ މަޤްސަދަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އިސްލާމީ ފިކުރުގެޖަމާއަތްތައް އިސްލާމީ ބައެއް ޤައުމުތަކުގެ ވެރިކަމަށް އައުމާއި އިސްލާމީ އެތަށް ޤައުމެއްގައި ޚުދުމުޚްތާރު އުސޫލުން ވެރިކަންކުރަމުން ގެންދިޔަ ޢިލްމާނީ ޚިޔާލުގެ ނިޒާމްތައް ފޭލްވެ ރޫޅިގެން ދިޔުމާގުޅިގެން އިސްލާމީ ސިޔާސީ ފިޤްހުގެ މައްސަލަތަކާބެހޭގޮތުން މަޝްވަރާކޮށް ދިރާސާކުރުމެވެ.

މިމަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ އިސްޝަޚްސިއްޔަތެއް ކަމަށްވާ އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަޤްވާމީ އިއްތިޙާދުގެ ރައީސް ޑޮކްޓަރ ޔޫސުފްއަލްޤަރްޟާވީ ވިދާޅުވީ އިސްލާމީ ސިޔާސީ ފިޤްހާބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކާއި ކުރެވިފައިވާ ތަޖްރިބާތައް އެއްތަނަކަށް ޖަމާކޮށް އެއާމެދު ވިސްނައި މަޝްވަރާކުރުމަކީ އިސްލާމީ ދުނިޔެއަށް މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމުގައެވެ. ހަމައެފަދައިން ސިޔާސީ ފިކުރުގައި ބައިނަލްއަޤްވާމީގޮތުން ކޮށްފައިވާ ދިރާސާތައްވެސް އިސްލާމީ ޢިލްމުވެރިން ދިރާސާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އޭނާ އަލިއަޅުވާލެއްވިއެވެ.

މި މަހާސިންތާގައި ބައިވެރިވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި އިސްލާމީ ބައެއް ޤައުމުތަކުގެ ވެރިކަމުގެ މަތީފަންތިއަށް މިހާރު ވާސިލްވެފައިވާ ބައެއް އިސްލާމީ ޢިލްމުވެރިންނާއި އިސްލާމީ ފިކުރުމުގެ ސިޔާސީ އެކްޓިވިސްޓުންވެސް ހިމެނިވަޑައިގަންނަވައެވެ. މީގެތެރޭގައި ތޫނިސްގެ ވެރިކަމުގައި ބާރުގަދަ އިސްލާމީ ޖަމާއަތެއްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވާ އައްނަހްޟާ މޫމެންޓްގެ ރައީސް ރާޝިދުލްޣައްނޫޝީ ހިމެނިވަޑައިގަންނަވައެވެ.

އޭނާ ވިދާޅުވިގޮތުގައި އިސްލާމީ ފިކުރުގެ ސިޔާސީ އެތަށް ޖަމާޢަތެއް މިއަދުދަނީ އިދިކޮޅު ސިޔަސީ ޖަމާއަތްތަކުގެ ގޮތުގައާއި އިސްލާމީ ދަޢްވާގެ ރޮނގުގައި ދިގުމުއްދަތަކަށްމަސައްކަތްކުރުމަށްފަހު ދައުލަތުގެ ފިޤްހުން ވެރިކަންކުރުމުގެ ފިޤްހަށް ބަދަލުވަމުންނެވެ. ވެރިކަމުގެ ފިޤްހު، ފަރުދަކުން ޢާއިލާއަކުން މިހާރު މުޅި އުންމަތުގެ (ހުރިހާ ރައްޔިތުންގެ) ފިޤްހަކަށް ބަދަލުވަމުންދާ ކަމަށްވެސް ޣައްނޫޝީ ވިދާޅުވިއެވެ. (އަލްޖަޒީރާ)