15 Aug 2023, 16:01
މޮސްކޯ (15 އޮގަސްޓް 2023): ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންފިއެވެ.
ޗައިނާގެ ދިފާއީ ވުޒާރާ ބުނާގޮތުން ލީގެ މި ދަތުރުފުޅުގައި ރަޝިއާގެ އިތުރުން ރަޝިއާއާ ވަރަށް ގާތްގުޅުން އޮންނަ ގައުމެއްކަމަށްވާ ބެލަރުސްއަށްވެސް ޒިޔާރަތް ކުރައްވާނެއެވެ. އަދި ބެލަރުސްގެ ދިފާއީ ވަޒީރު ވިކްތަރ ކްރެނިން އާ ވެސް ލީ ބައްދަލުކުރައްވާނެއެވެ.
ލީ ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގައި މޮސްކޯ ކޮންފަރެންސް އޮން އިންޓަނޭޝަންލް ސެކިއުރިޓީ ގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ލީ މި ދަތުރުގައި ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫރުއާ ބައްދަލުކުރެއްވުމުގެ އިތުރުން ރަޝިއާގެ އަސްކަރީ ވަރަށްގިނަ މަސްއޫލުވެރިންނާ ބައްދަލުކުރައްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ރަޝިއާ ސިފައިންގެ އެންމެ އިސް ޖެނެރަލުންވެސް ހިމެނެއެވެ. ލީގެ މިދަތުރުފުޅާބެހޭ މިނޫން ތަފްސީލުތަކެއް ޗައިނާގެ ދިފާއީ ވުޒާރާ އިން ދީފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ގެންދަނީ ޗައިނާގެ ދިފާއީ ވަޒީރު ގެ މިދަތުރުފުޅަށް ވަރަށްބޮޑަށް ލޯއަޅަމުންނެވެ. ޗައިނާގެ ދިފާއީ ވަޒީރުގެ މިދަތުރުފުޅުގައި ބެލަރުސް ހިމެނުމަކީ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ވަރަށް ކަންބޮޑުވާނެކަމެއްކަމަށް މުރާސިލުން ބުނެއެވެ.
ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގާ ނުސީދާގޮތެއްގައި ޗައިނާގެ އެހީތެރިކަން ރަޝިއާއަށް ލިބޭކަމަށް އެމެރިކާ ދެކެއެވެ. އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް އެކަމުގެ ނޭދެވޭ އަސަރުތައް ރަޝިއާއަށް އެހާ ބޮޑަށް ނުކުރަނީ ރަޝިއާގެ ފަހަތުގައި ޗައިނާ އޮތުމުގެ ސަބަބުންކަމަށް އެމެރިކާ ދެކެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމަށްޓަކައި ރަޝިއާއާއި ޗައިނާ އިން ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާއިން ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ހިންގަމުން ގެންދާތީ އެމެރިކާ ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން އިން ރަޝިއާއާ ދެކޮޅަށް ފަށާފައިވާ ކައުންޓާ އެޓޭކް ނުވަތަ ރައްދު ހަމަލާތަކަށް ތިންމަސްވީއިރުވެސް އެހަމަލާތަކުން އެއްވެސް މަގްސަދެއް ހާސިލް ވެފައިނުވާތީއާއި އެމެރިކާއާއި ޖަރުމަނުގެ މޮޅު ހަތިޔާރުތައް ޔުކްރެއިން އަށް އޮއްސަމުން ގެންދާއިރުވެސް ރަޝިއާ ފަހަތަށް ޖެއްސުމުގައި ޔުކްރެއިން ނާކާމިޔާބުވަމުންދާތީ، ހަނގުރާމަ ދިގުލައި އެންމެފަހުން ރަޝިއާއަށް އަމާންދޭން ޔުކްރެއިން އަށް މަޖުބޫރުވާ ހިސާބަށް ކަންތައް ހިނގައިދާނެކަމުގެ ބިރު އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މިހާރު ގެންދަނީ އިހުސާސް ކުރަމުންނެވެ.