15 Aug 2023, 15:28
މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މިއަދު 12 ޖެހި އިރު ފަށައިގެން ކުރިއަށް ދާއިރު، 11:00ޖެހި އިރު ގޯތީގެ އުންމީދުގައި ތިބި މީހުން ވަދެ ގަލޮޅު ދަނޑު ފުރާލިއެވެ.
ގޯތީގެ ގުރުއަތުލުން ފެށުމަށް ފަހު "ސަން"އާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިރޭ 10 ޖެހުމާ ހަމައަށް ގުރުއަތު ނެގުން ކުރިއަށް ދާނެކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭ ގުރުއަތު ނަގާ ނިންމަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުންނެވެ. ގޯތީގެ ލޮކޭޝަނާއި ޕްލޮޓް ނަމްބަރު އެނގޭނީ ގުރުއަތު ނަގައިގެންނެވެ.
ގުރުއަތު ނެގުމަށްފަހު ޕޯޓަލްއަށް ލޮގިން ވުމުން ގޯތީގެ ލޮކޭޝަން ފެންނާނެއެވެ. ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތް ވެސް މިއަދު ފަށާނެއެވެ.
ނަމަވެސް އަކްރަމް ވިދާޅުވީ، މިއަދު ގުރުއަތުލާން ފެށުން ލަސްވުމުގެ ސަބަބުން ގޯތި ކަނޑާ ރަޖިސްޓްރީ ހަވާލުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
"އެކަމަކު މާދަމާއިން ފެށިގެން ހަމަ ބަރާބަރަށް ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން -- ފޮޓޯ/ މާހިލް އާތިފް
އަކްރަމް ވިދާޅުވީ ގުރު ނެގުމުގެ މަރުހަލާ ކުރިއަށް ދަނީ ވަރަށް އަމާންކޮށް ކަމަށެވެ. އަދި ރައްޔިތުން ތިބީ ހިތްހަމަ ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތް ވެސް މިއަދު ފަށާނެއެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ލިސްޓުގައި ޖޮއިންޓު ވެގެން ގޯތި ލިބޭނެ ކަމަށް ތިބި މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލިއެވެ.
މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ހިއްކާ ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ގޯތި ދޫކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް، މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.
މިމަހުގެ އަށްވަނަ ދުވަހު، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ވެސް ވަނީ އާންމުކޮށްފައެވެ. އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.