އިސްލާމީ ޝަރިއާއާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ މައްޗަށް އަލިއަޅުވައިލައި ޑރ. އަނާރާ ނައީމް ލިޔުއްވި ފޮތް މިއަދު ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެެވެ.

މި ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ މިއީ އޭނާގެ ޕީއެޗްޑީއަށް ކުރެއްވި މަސައްކަތުގައި ލިޔުއްވި މައުޟޫއުގެ މައްޗަށް އެކުލެވޭ ދިރާސީ ވާހަކަތައް ކަމަށެވެ.

ޑރ. އަނާރާ ވިދާޅުވީ ޢަރަބި ބަހުން ލިޔުނު އެ ލިޔުން އާންމުކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވި ކަމަށެވެ.

އެހެންވެ، ދިވެހީންގެ މުޖުތަމައަށް އެނގޭނެހެން ދިވެހި ބަހަށް ތަރުޖަމާކޮށް ފޮތް އެކުލަވައިލުމަށް ހަތަރު އަހަރު ހޭދަވިކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ.

"އަލްހަމްދުލިﷲ، މިއަދު އަޅުގަނޑު ވަރަށް އުފާކުރަން. އަދި ޚާއްސަކޮށް ވަރަށް މުނާސަބު ވަގުތެއްގައި މި ފޮތް ނެރެވިގެންދާތީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަނާރާ ނައީމްގެ ފޮތް ނެރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ފަސް ބާބެއްގެ މައްޗަށް އެކުލަވައިލައިފައިވާ މި ފޮތުގައި، އެކި ދާއިރާތަކުން ކުރި ސާވޭތަކާއި ނަތީޖާ ހިމަނައިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފޮތުގައި އަޅުގަނޑުވާނެ ސާވޭ ވެސް ކޮށްފައި އެ ސާވޭގައި ޚިޔާލު ނެގި ބޭފުޅުންގެ ޚިޔާލުތަކާއި ނަތީޖާ ގެނެސްފައި. އެ ނަތީޖާއިން ދޭހަވި އެއްޗަކާއި އެ ނަތީޖާގެ އަލީގައި ރަނގަޅުކުރަން ހުށަހަޅާ ކަންތައްތަކާއި އެކިއެކި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހުށަހަޅައިފައިވާނެ،" ޑރ. އަނާރާ ވިދާޅުވިއެވެ.

ޑރ. އަނާރާވަނީ އެ މަސައްކަތުގައި އޭނާއަށް އެހީތެރިވެދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދައިކުރައްވައިފައެވެ.

އެގޮތުން އެންމެ ޅަފަތުގައި ތައުލީމް ހާސިލްކޮށްދިން ޓީޗަރުންނާއި، އާއިލާއަށް ޑރ. އަނާރާ ޝުކުރު އަދައިކުރެއްވިއެވެ.

ޑރ. އަނާރާގެ މި ފޮތް ކޮލެޖު ޔުނިވާސިޓީތަކާއި، ލައިބްރަރީތަކުގެ އިތުރުން ރަށު ކައުންސިލްތަކަށްވަނީ ހަދިޔާކުރައްވައިފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހަފްލާ ޝަރަފުވެރިކޮށްދެވި ޑރ. ޒަކަރިއްޔާ ވިދާޅުވީީ، ފޮތެއް ލިޔުމަކީ ބުރަ ބޮޑު މަސައްކަތެއްކަމަށާއި އެއީ ބަލައިގަންނަންޖެހޭ ބޮޑު މަަސައްކަތެއްކަމަށެވެ.

ނަމަވެސް ރާއްޖޭގައި އަދިވެސް އެ ސަގާފަތް އެންމެ ރަނގަޅަށް އަށަގެންފައިނުވާކަން ފާހަގަކުރައްވައި ޑރ. ޒަކަރިއްޔާ ވިދާޅުވީ އާންމު ގޮތެއްގައި މުޖުތަމައު ތެރޭގައި ހިނގަނީ އެ ފަދަ މަސައްކަތްތައް ކުރާ މީހުންގެ ހިތްމަރުވާ ޒާތު ކަންކަން ކަމަށެވެ.

ކެޕްޝަން.. ޑރ. އަނާރާ ނައީމްގެ ފޮތް ނެރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒަކަރިއްޔާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

"ވަރަށް ހިތާމައާއެކީ ދަންނަވަންޖެހޭ އަޅުގަނޑުމެންގެ ރާއްޖޭގެ މި ވެށީގައި މި ސަގާފަތު އަދި ނެތްކަން. އަޅުގަނޑު އުންމީދުކުރަން ފޮތް ލިޔުއްވާ ބޭފުޅުންގެ މި މަސައްކަތުގެ ތެރެއިން މި ސަގާފަތުގެ ލޯތްބާއި، ގަނޑުވެފައިވާ ފެން ކޯރުގެ ފެންގަނޑަށް ދިރުމެއް އައިސް އެ ކަމަށް ދިރުމެއް އަންނާނެކަމަށް،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވަނީ ފައިދާހުރި ކަންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ މީހުންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ބަސްބަހާއި އަމަލުތައް ނުކުރުމަށް އެދިލައްވައިފައެވެ.