15 Aug 2023, 14:19
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ކިޔެވުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެ ސްކޫލުން އިއްޔެ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 29ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް އޯލެވެލް އިން ފާސްވާ ހުރިހާ ދަރިވަރުންނަށް އެ ސްކޫލުން އޭލެވެލް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.
މިނިސްްޓްރީގެ މާލީ އެހީ ދިނުމަށް ކަނޑައަޅާފައި އޮންނަ މިންގަނޑަކީ، ދިވެހި، އިސްލާމް ހިމެނޭ ހެން، މަދު ވެގެން ފަސް މާއްދާއިން "ސީ" ފާސް ލިބިފައި އޮތުމެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު އަލަށް ގްރޭޑު 11އަށް ވަންނަ ދަރިވަރުންގެ ކިޔެވުން ފެށޭއިރު، މިމަހުގެ 31ގައި އެ ސްކޫލުން ޖާގަ ލިބޭ ދަރިވަރުންގެ ލިސްޓު އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު އެ ކުދިންގެ ބެލެނިވެރިންނަށް ހާއްސަ ސެޝަނެއް ބާއްވާނެއެވެ.
ވިލާ ހައި ސްކޫލުން ބުނާ ގޮތުގައި އެ ސްކޫލުގެ އެންމެ ބޮޑު އެއް އަމާޒަކީ ޔުނިވާސިޓީ ތައުލީމަށް ކުދިން ފައްކާކުރުމެވެ. އެގޮތުން، އިސްލާމް ދީނަށް ހުުރުމަތްތެރިކޮށް ހިތާ، ގައުމަށް ވަފާތެރި، ދުނިޔެއަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް އެ ސްކޫލުން ބުނެއެވެ.
އެ ނަތީޖާ ހާސިލު ކުރެވެނީ އެ ސްކޫލުގައި ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުވުމާއި، އެންމެ ފަހުގެ، ވަސީލަތް ފުރިހަމަ ލެބްތަކާއި، ލައިބްރަރީތަކުގެ އިތުރުން، އިތުރު ހަރަކާތްތަކުގެ ފުރުސަތުގެ ސަބަބުންނެވެ.