އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދު ވެލައްވަނީ މި ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޮށްދެއްވާފައިވާ ކަންކަން ކުރުމަށް ކަމަށް ވިދާޅުވެ، ރައީސްގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދިރާސާތަކެއް ކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދޭން މަސައްކަތް ކުރަނީ އެމްޑީޕީން އެކަނި ކަމަށެވެ.

"ރައްޔިތުންނާ ވާހަކަދައްކައި، ރައްޔިތުންގެ މެނިފެސްޓޯއެއް، ރައްޔިތުން ބޭނުންވާ ކަންކަމުގެ ވައުދު ހިފައިގެން ރައްޔިތުންނާ ހިސާބަށްދާ ބަޔަކީ [އެމްޑީޕީ]. އަޅުގަނޑަކަށް ނުފެނޭ، އިންތިޒާމުވެގެން ރައްޔިތުން ބޭނުންވަނީ ކޯޗެއްތޯ ބައްލަވާ، އެހެން ކެންޑިޑޭޓުން ކެމްޕޭން ކުރައްވާ ތަނެއް،" އޭނާ ވިދާޅުވިއެވެ.

މިސާލެއް ދައްކަވަމުން މާރިޔާ ވިދާޅުވީ، ހއ. މޮޅަދުއަށް މިދިޔަ ވެރިކަމުގެ ފަސް އަހަރު ޕީޕީއެމުން އަޅައިނުލާ ކަމަށެވެ. އަދި، ކުދި ރަށްރަށް ބާކީނުކޮށް، ހަމަހަމަކަމާ އެކު ތަރައްގީ ގެނައި މި ސަރުކާރުން ކަމަށް ތަކުރާރު ކުރެއްވިއެވެ.

"[މުއިއްޒު] އަރާވަޑައިގަންނަވަނީ ރައީސް ޞާލިޙް ހެއްދެވި ބަނދަރަކުން. އަރާވަޑައިގެންފައި މި ވިދާޅުވަނީ ތިމަންނަމެން ބަނދަރު ހެދުމާ ދެން ވެސް ހުރި ކަންކަން ކޮށްދޭނަމޭ. ނެތޭ ބެއްލެވިފަކާއެއް މޮޅަދޫ ރައްޔިތުން ބޭނުންވަނީ ކޮން ކަންކަމެއްކަން ވެސް،" އޭނާ ވިދާޅުވިއެވެ.

"އެހެން އެ ވިދާޅުވީއިރުގައި ބަނދަރު އެއޮތީ ނިމިފައި. އަނެއްކާ އޭގެ ކުރީގައި ރައީސް ޞާލިޙް އެއޮތީ އަރާވަޑައިގެން ވިދާޅުވެފައި އިރާދަ ކުރެއްވިއްޔާ މި ރަށު ބަނދަރަށް އިތުރު ކުރަން ޖެހޭ ބަޔާ އެކުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ކޮށްދޭނަމޭ،"

މާރިޔާ ވިދާޅުވީ މޮޅަދޫ ރައްޔިތުން ބޭނުންވާ ކަންކަން ވެސް ސާފުކޮށް އެނގިވަޑައިގަންނަވަނީ ރައީސާއި އެމްޑީޕީއަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ރަށްރަށަށް އަރާވަޑައިގެން އިދިކޮޅު ކެންޑިޑޭޓު ވެލައްވާ ގިނަ ވައުދުތަކަކީ މި ސަރުކާރުން ކޮށް ނިންމާފައިވާ ކަންކަމާއި ކުރަމުންދާ ކަންކަން ކަމަށެވެ. އެއިން އެނގެނީ ރައްޔިތުންނާ ދެމެދުގައި އޮންނަންވާ ގުޅުން ނެތްކަން ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

"މެނިފެސްޓޯއެއް، ކަންކަން ކުރައްވާނެ ގޮތް ހިސާބު ޖައްސަވާފަކާއެއް ނެތް. މިއީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވިއެވެ.