މޮސްކޯ (މޭ 7): ރަޝިއާގެ ކުރީގެ ރައީސް ވްލަޑިމޭރު ޕޫޓިން ތިން ވަނަ ފަހަރަށް އެ ގައުމުގެ ރައީސްކަމާ މިއަދު އަލުން ހަވާލުވެ ވަޑައިގެންފި އެވެ.

މިކަމަށްޓަކައި މިއަދު ކްރިމްލިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ކުރުބަޔާނެއްގައި ޕޫޓިން ވިދާޅުވީ އޭނާގެ ވެރިކަމާ އެކު ތަރައްޤީގެ މުޅިންއައު މަރްޙަލާއަކަށް ރަޝިޔާ ވަދެގެންދާނެ ކަމަށާއި އޭނާގެ ޒަޢާމަތުގައި ރަޝިޔާއަކީ ވަރަށްބޮޑަށް ތަރައްޤީވެފައިވާ ބާރު ގަދަ ދައުލަތަކަށް ހަދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގަ އެވެ.

ރައީސް ކަމުގައި ދެ ދައުރު ހުންނެވުމަށް ފަހު ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރަޝިޔާގެ ޤާނޫނު އަސާސީ ތަންނުދޭތީ ތިން ވަނަ ދައުރުގައި ޕުޓިން ވަނީ އޭނާގެ ވަރަށް ޚާއްސަ އެކުވެރިއެއްކަމަށްވާ ޑިމިޓްރީ މެޑްވެޑޭވް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވައިގެން މިޑްވިޑޭވްއަށް ވެރިކަން ހޯއްދަވައި ދެއްވާފަ އެވެ. މިޑްވެޑޭވްގެ ވެރިކަމުގައި ޕުޓިން ހުންނެވީ ބޮޑުވަޒީރު ކަމުގަ އެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ނަމަވެސް ޕޫޓިން ސިފަވެގެން ގޮސްފައި ވަނީ ރަޝިޔާގެ ބާރުގަދަ މީހާގެ ގޮތުގަ އެވެ.

ޕޫޓިން އަލުން ރަޝިޔާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންފައި ވަނީ މިދިޔަ މާޗް މަހު ބޭއްވި ރަޝިޔާގެ ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމާގުޅިގެންނެވެ. މާޗް 4 ގައި ބޭއްވި ރިޔާސީ ރޭސް ބޮޑު ނަތީޖާއަކުން ޕޫޓިން ކާމިޔާބުކުރެއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލުއުފައްދައި ޕޫޓިންއާދެކޮޅަށް ސިލްސިލާކޮށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަންފަށައިފަ އެވެ. އެގޮތުން ޕޫޓިން ހުވާކުރެއްވުމުގެ ކުރިން އިދިކޮޅުފަރާތްތަކުން ވަނީ މޮސްކޯގައި ވަރުގަދަ މުޒާހަރާތަކެއް ބާއްވައިފަ އެވެ. އެ މުޒާހަރާތަކާ އަދި ކުރިންކުރި މުޒާހަރާތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެތައް ސަތޭކަ ބަޔަކު ގެންގޮސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އުމުރުން 59އަހަރުގެ ޕޫޓިން އެންމެ ފުރަތަމަ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ ރަޝިޔާގެ އޭރުގެ ރައީސް ބޮރިސް ޔެލްސިން އިސްތިއުފާ ދެއްވުމާގުޅިގެން 2000 ވަނަ އަހަރު އެވެ. އެ ދުވަސްވަރު ރަޝިޔާއޮތީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭވަރަށް އިޤްތިސާދީ ގޮތުން އިނދަޖެހި ޚާރިޖީ ސިޔާސަތުގައި ހުޅަނގުގެ ބާރާއި ނުފޫޒުގެ ދަށުގައި ތާށިވެ ތަޅުއެޅުވިފަ އެވެ.

މިކަމުން ރަޝިޔާ މިންޖުކޮށް 8 އަހަރު ތެރޭގައި ޕޫޓިން ވަނީ އިޤްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބާރުގަދަ ޤައުމަކަށް އަލުން ރަޝިޔާ ހައްދަވައި އެމެރިކާގެ ނުފޫޒުން ރަޝިޔާގެ މިނިވަންކޮށް އެމެރިކާ ޖެހިލުންވާ ފަދަ ބޮޑުބާރަކަށް އަލުން ރަޝިޔާ ހައްދަވާފަ އެވެ. މިކާމިޔާބީގެ ސަބަބުން ޕޫޓިންގެ ބާރާއި ނުފޫޒު ރަޝިޔާގައި ވަނީ ފެތުރިފަ އެވެ. (އަލްޖަޒީރާ)