އެމްޕީއެލްގެ ސެމީ ކޮންޓެއިނާ ފްރެއިޓް ސިސްޓަމްސް (ސީއެފްއެސް)ގެ އޮޕަރޭޝަން ޚިދުމަތް އިއްޔެ ތައާރަފުކޮށްފިއެވެ.

ސެމީ ސީއެފްއެސް އޮޕަރޭޝަން ސާވިސްގެ ދަށުން އެމްޕީއެލްއަށް ބާލާ މުދާތަކުގެ ތެރެއިން 10 ދުވަސް ވެފައިވާ މުދާތައް ކޮންމެ ދުވަހަކު ވެސް ސީއެފްއެސް ގުދަނަށް ބަދަލު ކުރަމުން ދާނެއެވެ.

އެ ޚިދުމަތް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު ތޮލްހަތް ސައީދު ވިދާޅުވީ ސީއެފްއެސްގެ ޚިދުމަތް ދިނުމުގައި އެމްޕީއެލްއަށް އެތަށް ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މިހާތަނަށް އައި އިރުވެސް ސީއެފްއެސްގެ ސާވިސް ދެވޭނެގޮތެއް ހަމަޖެހިފައެއް ނެތް. އެމްޕީއެލްގެ ޖާގަ ހުރިގޮތުން އަޅުގަނޑުމެން އެކަން ކުރަން މިޖެހެނީ ވަރަށް އުނދަގުލުގަ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މި އޮޕެރޭޝަން ކޮންމެވެސް ގޮތަކަށް މި ފައްޓަނީ،" އޭނާ ވިދާޅުވިއެވެ.

ސީއެފްއެސް ޚިދުމަތް ފެށުމަށް އެމްޕީއެލް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވި ގޮތުގައި ކުރިން އެމްޕީއެލްގެ ގުދަން ހަމައެކަނި ޕެރިޝަބަލް މުދަލަށް ޚާއްޞަ ކުރާގޮތަށް ވާހަކަދެއްކި ނަމަވެސް އިތުރަށް ވިސްނުމަށް ފަހު، ފަހުން އެމްޕީއެލްއިން ނިންމީ އެންމެ ފުރިހަމަ ޕޯޓުތަކަށްވުރެ ޖާގައިގެ ގޮތުން އެމްޕީއެލްގެ ގުދަން ކުޑަ ނަމަވެސް، އެމްޕީއެލްއަށް އިތުރު އާމްދަނީ އެއް ލިބޭނޭ ގޮތަކަށް އަދި މުދާ ގެންނަ ފަރާތްތަކަށް ވެސް ފައިދާވާނޭ ގޮތަކަށް އެތަން ބޭނުން ކުރުމަށެވެ.

މި އިވެންޓުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ ވިދާޅުވީ ކޮންޓެއިނާގައި މުދާ ގެންނަ ކުދި ވިޔަފާރިތަކަކީ ގުދަން ބޭނުންކުރާ ބައެއް ނޫން ކަމަށެވެ. އެމްޕީއެލްއިން މި ދޭން ފެށި ޚިދުމަތުގެ ސަބަބުން އެ ފަދަ ވިޔަފާރިތަކަށް އެތައް ގުނައެއް ފަސޭހަވެ، ޖީބަށް ލުއިވެގެން ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގިނަ ފަހަރު ވާގޮތަކީ ކޮންޓެއިނާގައި ގެންނަ މުދާކޮޅު އެމްޕީއެލްގަ މައްސަލައެއް ޖެހިގެން ނުވަތަ، އެ ކުދި ވިޔަފާރިވެރިންނަކީ ގުދަން ގެންގުޅޭ ބައެއް ނޫން. ނުވަތަ ތަނަކަށް ފޮނުވާލާއިރު ބޯޓެއް ބޭނުންވާ ދުވަހަކަށް އޮންނަ ބައެއް ނޫން. މިކޮޅުގަ ދެވިފަ އިންނަ މުއްދަތު ހަމަވެގެންދާއިރު ގިނަފަހަރު މުދާ ކޮޅު ނުނެރެވި އެބަ ދޭ. އޭގެ ސަބަބުން މުދަލުގެ އަގު އުފުލޭ. މި ސަބަބަށްޓަކައި އަޅުގަނޑު ބެލީ ކޮންކޮން ކަމެއްތޯ އެހީތެރިވުމަށްޓަކައި ކުރެވޭނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ، ގުޅީފަޅު ނުވަތަ ތިލަފުއްޓަށް ދާއިރު އެ ޚިދުމަތް ބޮޑެތި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް ވެސް ރާވަމުންދާ ކަމަށެވެ.

ސީއެފްއެސް ޚިދުމަތަކީ ދުނިޔޭގެ އެހެން ޕޯޓުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދެމުންދާ ޚިދުމަތެކެވެ. އެހެންނަމަވެސް ރާއްޖޭގައި މި ޚިދުމަތް ނުދެވި އޮތީ އެމްޕީއެލްގެ ޖާގައިގެ ތާށިކަމުގެ ސަބަބުންނެވެ.