ޑައިރެކްޓަރު އަނީސް ބަޒްމީގެ ކުރިއަށް އޮތް ވަރުގަދަ ކޮމެޑީ ފިލްމުގެ ލީޑް ރޯލް ކުޅެން އެއްބަސްވުމަށް ފަހު ޝާހިދު ކަޕޫރު ފިލްމުން ވަކިވެއްޖެއެވެ.

މި އެކްޝަން ކޮމެޑީން ޝާހިދު ވަކިވެފައިވަނީ އަނީސް ބަޒްމީއާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝާހިދު ފިލްމުން ވަކިވެފައިވަނީ ފިލްމުގެ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ތެރޭ ފަށަން ނިންމާފައިވަނިކޮށެވެ.

ޝާހިދު ކަޕޫރު ފިލްމުން ވަކިވުމާ ގުޅިގެން އެ ރޯލު ކުޅޭނެ ލީޑު އެކްޓަރެއް ހޯދުމުގެ މަސައްކަތް ޕްރޮޑިއުސަރުން ވަނީ ފަށާފައެވެ. ޝާހިދާ އެކު މި ފިލްމުގައި ބަތަލާގެ ރޯލް ކުޅެން ހަމަޖެހިފައިވަނީ މިދިޔަ އަހަރު ފިލްމު "ގުޑްބާއި"އިން ހިންދީ ސިނަމާއަށް ތަޢާރަފްވި ސައުތު ބަތަލާ ރަޝްމިކާ މަންދަންނާއެވެ. މި ފިލްމަކީ އަނީސާ އެކު ޝާހިދު މަސައްކަތް ކުރުމަށް އެއްބަސްވި ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފަށަން ނިންމިނަމަވެސް ދެން މިފިލްމުގެ މަސައްކަތް ފެށޭނީ ޝާހިދުގެ ބަދަލުގައި ލީޑް އެކްޓަރެއް ލިބުމުން ކަމަށް ޕްރޮޑިއުސަރު ދިލް ރާޖޫ ވަނީ ބުނެފައެވެ.

ރިޕޯޓުތަކާ ހަވާލާދީ ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ ޑައިރެކްޓަރު އަނީސް ބަޒްމީގެ ވިސްނުން ހުރީ ފިލްމަށް އާ އެކްޓަރަކު ގެނައުމަށެވެ.

އަނީސްގެ ފިލްމުން ވަކިވުމަށް ފަހު ޝާހިދު ކަޕޫރު ވަނީ ރޯޝަން އެންޑްރޫ ޑައިރެކްޓް ކުރާ ފިލްމު "ކޮއި ޝައްކު"ގައި މަސައްކަތް ކުރުމަށް ތައްޔާރު ވެފައެވެ. މި އަހަރު ވެބް ސީރީސް "ފަރްޒީ"އަދި ފިލްމު "ބްލަޑީ ޑެޑީ"އިން ފެނުނު އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ޑިސެމްބަރ ހަތެއްގައި ރިލީޒްކުރާ ސައިންސް ފިކްޝަން ފިލްމުންނެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގައި ޝާހިދު ފެންނާނީ ބަތަލާ ކްރިތީ ސެނޮންއާ އެކުއެވެ.